05 Oct 2016, 21:43
ދެމެހެއްޓެނިވި ލީޑަޝިޕް ކުރިއެރުވުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ "ވޯލްޑް ސަސްޓެއިނަބިލިޓީ"އިން ދޭ "ސަސްޓެއިނަބިލިޓީ ޕްރޮފެޝަނަލް އޮފް ދަ އިޔާ" އެވޯޑު، ސަން ސިޔާމް ގްރޫޕުގެ ޗެއާމަން އަހްމަދު ސިޔާމް މުހައްމަދަށް ލިބިވަޑައިގެންފިއެވެ.
ސިޔާމްއަށް މި އެވޯޑު ލިބިވަޑައިގަތީ، ދުބާއީގައި މިހާރު ކުރިޔަށްދާ "ވޯލްޑް ސަސްޓޭއިނަބިލިޓީ" ޖަމިއްޔާގެ މި އަހަރުގެ ކޮންގްރެސްގައެވެ.
މި ކޮންގްރެސްގައި ދޭ "ގްލޯބަލް ސަސްޓެއިނަބިލިޓީ ލީޑަރޝިޕް އެވޯޑްސް" އަކީ ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑު ލިބެނީ، ދެމެހެއްޓެނެވި ގޮތުގައި މާހައުލު ގާއިމުކުރާ ފަރާތްތަކަށެވެ. އަދި މި އެވޯޑަކީ އެ ދާއިރާގެ ބެސްޓް ޕްރެކްޓިސް އާ ހަމައަށް ވާސިލުވުމުގެ ބެންޗުމާކެއް ވެސް މެއެވެ.
އިއްޔެއާއި މިއަދު ދުބާއީގެ "ދަ އެޑްރެސް" މޯލްގައި ވޯލްޑް ސަސްޓެއިނަބިލިޓީ ކޮންގްރެސް ކުރިޔަށް ދިޔަ އިރު، "ސަސްޓެއިނަބިލިޓީ ޕްރޮފެޝަނަލް އޮފް ދަ އިޔާ" އެވޯޑު ސިޔާމްއަށް ވަނީ ހަވާލު ކޮށްފައެވެ.

ސަސްޓެއިނަބިލިޓީ ޕްރޮފެޝަނަލް އޮފް ދަ އިޔާ އެވޯޑު ލިބިވަޑައިގަތުމަށްފަހު ސިޔާމް ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ
އެވޯޑު ލިބިވަޑައިގަތުމަށް ފަހު ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ އެހެން މީހުންނަށް ގެއްލުން ދިނުމެއް ނެތި، އިޚްލާސްތެރިކަމާ އެކު ގަދައަޅައި މަސައްކަތް ކޮށްފި ނަމަ އިންސާނުންނަށް ކޮންމެ ކަމެއްވެސް ހާސިލު ކުރެވޭނެ ކަމަށެވެ.
"ލަނޑުދަނޑިއެއް ކަނޑައަޅައި، އެއަށް ވާސިލުވުމަށް އިޚްލާސްތެރިކަމާ އެކު، އެހެން މީހުންނަށް ދެރަ ނުދީ މަސައްކަތް ކުރާ ނަމަ އިންސާނުންނަށް ކޮންމެ ކަމެއްވެސް ހާސިލުކުރެވޭނެ. މި ދުނިޔެ ދެމެހެއްޓެނިވި ތަނަކަށް ހެދުމަށް ހުރިހާ އެންމެންވެސް އެކުގައި މަސައްކަތް ކުރަންޖެހޭ،" މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރުކަން ވެސް ކުރައްވާ ސިޔާމް ވިދާޅުވިއެވެ.

ތައުލީމީ ދާއިރާއިން ގްލޯބަލް ސަސްޓެއިނަބިލިޓީ ލީޑަރޝިޕް އެވޯޑެއް ލިބިލެއްވި ފަރާތަކަށް ސިޔާމް އެވޯޑު ހަވާލުކުރައްވަނީ -- ސަން ފޮޓޯ
އެވޯޑު ލިބިވަޑައިގަތުމަށްފަހު، ސިޔާމް ވަނީ، އެވޯޑު ހަފްލާގައި ތައުލީމީ ދާއިރާއިން ދެމެހެއްޓެނިވި ލީޑަޝިޕް އެވޯޑު ލިބިލެއްވި ފަރާތްތަކަށް އެވޯޑު ހަވާލުކުރައްވައިފައެވެ.
ގްލޯބަލް ސަސްޓެއިނަބިލިޓީ ލީޑަރޝިޕް އެވޯޑްސް ދެވެނީ އިގްތިސާދީ، ތިމާވެށި އަދި އިޖްތިމާއީ ގޮތުން ލާމަސީލު އަދި ދެމެހެއްޓެނެވި މަސައްކަތްތަކެއް ކުރައްވައި، އެ ދާއިރާގެ ވިޔަފާރިތަކުގައި ފުރިހަމަކަން ހާސިލުކުރާ ފަރާތްތަކަށެވެ.
އެގޮތުން، ގްލޯބަލް ސަސްޓެއިނަބިލިޓީ ލީޑަރޝިޕް އެވޯޑްސްގެ ތެރެއިން ސަސްޓެއިނަބިލިޓީ ޕްރޮފެޝަނަލް އޮފް ދަ އިޔާ އެވޯޑު ލިބިވަޑައިގެންނެވި ސަން ސިޔާމް ގްރޫޕުގެ ޗެއާމަން އަހްމަދު ސިޔާމް މުހައްމަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ދެމެހެއްޓެނެވި ކާމިޔާބީތަކެއް ހާސިލުކުރައްވަމުން އަންނަ ބޭފުޅެކެވެ.
ސަން ސިޔާމް ގްރޫޕުގެ ދަށުން ރާއްޖޭގައި ތިން ރިސޯޓަކާއި ސްރީލަންކާގައި އެއް ޕްރޮޕަޓީ ހިންގަމުން އަންނަ އިރު، ރާއްޖެއާއި ސްރީލަންކާގައި އިތުރު ތިން ރިސޯޓު ޕްރޮޖެކްޓު ވެސް އެ ގްރޫޕުން އަންނަނީ ހިންގަމުންނެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި އެކި ވަޒީފާތައް އަދާކުރައްވައި، އެ ދާއިރާގެ ވިޔަފާރިއަށް ވަދެވަޑައިގެންނެވި ސިޔާމް ގެންދަވަނީ މިދިޔަ 15 އަށް ވުރެ ގިނަ އަހަރު ކުރީއްސުރެ ފެށިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ބޯޑު މެމްބަރުކަން ކުރައްވަމުންނެވެ.
ސިޔާމް ފަތުރުވެރިކަމުގެ ދާއިރާގައި ދައްކަވަމުން ގެންދަވާ ދެމެހެއްޓެނެވި ލީޑަރޝިޕު ފާހަގަކޮށް، ރާއްޖެއާ ރާއްޖެއިން ބޭރުގެ ފަރާތްތަކުން ވަނީ ސިޔާމްގެ އަގު ވަޒަން ކުރައްވައިފައެވެ. އެގޮތުން، ފަތުރުވެރިކަމުގެ ދެމެހެއްޓެނިވި ތަރައްގީއަށް ޚިދުމަތް ކުރައްވާފައިވާތީ އެދާއިރާއިން ޤައުމީ އިނާމު ސިޔާމަށް ލިބިވަޑައިގެންފައިވެއެވެ.
ރޯޔަލް އިންސްޓިޓިއުޝަންގެ ޑޮކްޓަރ ފެލޯކަން ސިޔާމްއަށް އެރުވުން -- ސަން ފައިލް ފޮޓޯ
އަދި ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޝަނުން ޑޮކްޓަރ ފެލޯގެ ޝަރަފު އެރުވި ފުރަތަމަ ދިވެހި ރައްޔިތަކީ ސިޔާމްއެވެ. މީގެ އިތުރުން ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޓް އޮފް ހޮސްޕިޓަލިޓީގެ އޮނަރަރީ ޕްރެސިޑެންޓުގެ މަގާމަށް ސިޔާމް އެ އިންސްޓިޓިއުޓުން ވަނީ އައްޔަނު ކޮށްފަ އެވެ.
ވޯލްޑް ސަސްޓެއިނަބިލިޓީއަކީ ދުނިޔޭގައި އެކި ދާއިރާތަކުން ދެމެހެއްޓެނެވި ތަރައްގީ ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން ފޯކަސްކުރާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ތިމާވެއްޓަށް އަންނަ ބަދަލުތައް، ކާބަން މަދުކުރުން، ފެން، ކުނި މެނޭޖްކުރުން، ހަކަތައިގެ ވަސީލަތްތައް ހޯދުން، ސަސްޓެއިނަބަލް ރިޕޯޓިންގް، ދެމެހެއްޓެނެވި ތައުލީމު ދިނުން އަދި ވިޔަފާރިތަކުގެ އިޖްތިމާއީ ޒިންމާގެ ދާއިރާ ހިމެނެއެވެ.