05 Oct 2016, 17:29
ދާދި ފަހުން ޖަރުމަނުގައި ހުޅުވި ދިވެހި އެމްބަސީގެ ސަފީރެއްގެ ގޮތުގައި ހަމަޖެއްސުމަށް، ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސާ ޖަމީލާ އަލީ ޚާލިދުގެ ނަން، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ހަމަޖައްސާފައިވާއިރު، ޖަމީލާއަށް ރުހުން ދިނުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
ޖަމީލާ މިހާރު ހުންނެވީ ސިވިލް ސާވިސް ކޮމިޝަނުގެ ނައިބް ރައީސްގެ މަގާމުގައެވެ. ޖަމީލާއަކީ މީޑިއާގެ ދާއިރާއާއި ތައުލީމީ ދާއިރާގައި މީގެ ކުރިން ހަރަކާތްތެރިވެފައިވާ ކަނބަލެކެވެ.
ހުޅުވާފައި ވަނީ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ އެމްބަސީ ހުޅުވައިދެއްވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްއެވެ.
ރާއްޖެއިން ޖަރުމަނުގައި އެމްބަސީއެއް ހުޅުވި ނަމަވެސް، ރާއްޖޭގައި ޖަރުމަނުގެ އެމްބަސީއެއް ނުހުރެއެވެ. ޖަރުމަނު ވިލާތުން ރާއްޖެއަށް ޚިދުމަތް ދެނީ ސްރީލަންކާގައި ހުންނަ އެގައުމުގެ އެމްބަސީއިންނެވެ.
ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާ ސަފީރުކަމަށް ބޭފުޅަކު ހަމަޖެއްސުމުގެ މައްސަލަ ވެސް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވެއެވެ. ބަންގްލަދޭޝްއަށް ކަނޑައަޅުއްވާ ސަފީރުކަމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ގ. ޕެންޒީމާގޭ އާއިޝަތު ޝާން ޝާކިރުގެ ނަމެވެ. ޝާންއަކީ މީގެ ކުރިން ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހި ސަފީރުގެ ނައިބުކަމާއި، މެލޭޝިއާގައި ހުންނަ ދިވެހި ސަފީރުގެ ނައިބުގެ މަގާމު އަދާކުރައްވާފައިވޭ ބޭކަނބަލެކެވެ.
ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމު ހުސްވީ އެމަގާމުގައި ހުންނެވި ޑރ. މުހައްމަދު އާސިމް، ރާއްޖޭގެ ޚާރިޖީ ވަޒީރުގެ މަގާމަށް އައްޔަނު ކުރެއްވުމާ ގުޅިގެންނެވެ.