07 Jun 2011, 14:04
ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި ވެރިކަންކުރާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް މޫސާ މަނިކު ]ރީކޯ މޫސަ[ ޝަރުއީ ކޯޓުތަކާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތައް ތަހުގީގު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ]ޕީޖީ[ އޮފީހުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
ޑެޕިއުޓީ ޕީޖީ ހުސެއިން ޝަމީމް މިއަދު ވިދާޅުވީ ރީކޯ މޫސަގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުސް އޮފީހަށް ފޮނުވާފައި ވަނީ މި ހަފްތާގެ ތެރޭގައި ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް މައްސަލައިގެ ލިޔުންތައް ޕީޖީ އޮފީހަށް ހުށަހެޅުމަށް ދަންނަވާފައިވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
ރީކޯ މޫސައާ މެދު ފިޔަވަޅު އަޅައިދިނުމަށް ޕީޖީ އޮފީހުގައި އެދިފައި ވަނީ އަދުލް އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ބާރު ކަމަށްވާ ސުޕްރީމް ކޯޓުންނެވެ. އެ ކޯޓުން ބުނެފައި ވަނީ ކޯޓުތަކާއި ފަނޑިޔާރުންނަށް "ނުބައި ތަސައްވަރެއް" ދިނުމުގެ ގޮތުން މޫސަ އެކިތަންތަނުގައި ވާހަކަ ދައްކަވާ ކަމަށް މީޑިޔާގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އިސްތަފާ އިބްރާހިމް މުހައްމަދު މަނިކުގެ މައްސަލައިގައި ވެސް އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރީކޯ މޫސަ ކަނޑައެޅިގެން އޮޅުވާލައިގެން ދޮގު ވާހަކަތަކެއް ދައްކާފައިވާ ކަމަށް ހައި ކޯޓުން ވެސް ބުނެފައިވެ އެވެ.
ޝަރުއީ ކޯޓުތަކާ ގުޅޭ ގޮތުން މީގެ ކުރިން މޫސަ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ބައެއް ފަނޑިޔާރުން ހައްޔަރު ކުރުމަށް ގޮވާލައި ބޭއްވި މުޒާހަރާތަކެއްގައި މޫސަ ވަނީ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފަ އެވެ. މީގެ އިތުރުން "ރައްޔިތުންގެ ކޯޓުގެ" އުފެއްދެވި ކަމަށާއި އެ ކޯޓުގެ އިސް ފަނޑިޔާރަކީ އޭނާ ކަމަށް ވެސް މޫސަ ވަނީ ކުރިން އިއުލާން ކުރައްވައިފަ އެވެ.