14:30


ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ނައިޖީރިއާގެ ރައީސް އުމަރު ޔާރް އަޑުއާ ރޭ ގެ ވަގުތެއްގައި އަވަހާރަވެއްޖެ އެވެ.


ނައިޖީރިޔާގެ ރައީސް އޮފީހުގެ އޮފިޝަލަކު މައުލޫމާތުދިން ގޮތުގައި ޔާރް އަޑުއާ އަވަހާރަވެފައިވަނީ ރޭގެ ވަގުތެއްގައި ވެރިރަށް އަބޫޖާގަ އެވެ. އަދި އޭނާ މި އަވަހާރަވީ ގާތްގަނޑަކަށް ހަމަސް ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ކަމަށާއި އަވަހާރަވިއިރު ހުންނެވީ ރިޔާސީ ގަނޑުވަރުގައި ކަމަށް ވެސް އެފަރާތުން ބުނެ އެވެ.


ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ޔާރް އަޑުއާގެ ތަރުޖަމާން އިމާ ނިއޮބޯރޯ ވިދާޅުވީ އުމުރުފުޅުން 58 އަހަރުގެ ޔާރް އަޑުއާ ފަސްދާނުވެޑުވޭނީ އޭނާގެ އުފަން ސްޓޭޓް ކަމަށްވާ ކެޓްސީނާގައި ކަމަށެވެ. އަދި މިއަދުން ފެށިގެން ހަތްދުވަސް ވަންދެން އެގައުމުގައި ގައުމީ ހިތާމައިގެ ދުވަސްތައް ފާހަގަކުރެވޭނެ ކަމަށް ވެސް ނިއޮބޯރޯ ވިދާޅުވި އެވެ.


2007 ވަނަ އަހަރު ނައިޖީރިޔާގެ ރައީސްކަމާ ޔާރް އަޑުއާ ހަވާލުވެވަޑައިގަތީއްސުރެ އޭނާއަށް ވަނީ ތަފާތު ސިއްހީ މައްސަލަތަކާ ކުރިމަތިވެވަޑައިގެންފަ އެވެ. އަދި ފަރުވާ ހޯއްދެވުމަށް ޓަކައި ތިން މަސް ދުވަހު ސައޫދީ އަރަބިއާ ގައި ހުންނެވުމަށް ފަހު މިދިޔަ ފެބްރުއަރީމަހު އެނބުރި ގައުމަށް ވަޑައިގަތްފަހުން ވެސް އޭނާ އާންމުންނާ ބައްދަލުކުރައްވާފައެއްނުވެ އެވެ.


ޔާރް އަޑުއާ އަވަހާރަވުމާ އެކު 2011 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް އެގައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގަންނަވާނީ ނައިބު ރައީސް ގުޑްލަކް ޖޮނަތަނެވެ.