އިލެކްޝަންސް ކޮމިޝަނުގެ ގާނޫނަށް އައި ބަދަލާ އެކު އެމްޑީޕީގެ މެމްބަރު ކަމުގައި ތިބި ބައެއް މެމްބަރުން އެޕާޓީގެ މެމްބާޝިޕްކަމުން އުނިކޮށްފައިވީ ނަމަވެސް އެ ބޭފުޅުންނަށް އެޕަޓީގެ އެތެރޭގެ އިންތިހާބުތަކުގައި ބައިވެރިވެވޭނެ ކަމަށް އެމްޑީޕީގެ އިންތިހާބީ ކޮމިޓީން ބުނެފިއެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ދެއްވަމުން އެކޮމިޓީގެ މެމްބަރު ޝާތިރު އަބްދުއްރަހުމާން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި އެޕާޓީން އަމަލު ކުރާނީ އެޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި އިލެކްޝަން ކޮމިޝަނުން އެޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން، ޕާޓީގެ މެމްބާޝިޕްކަމުން އުނިކޮށްފައިވާ ކަމަށާއި ނަމަވެސް އިދާރީ ގޮތުން އެ މެމްބަރުންނަކީ އަދިވެސް އެޕާޓީގެ މެމްބަރުން ކަމުގައި ބަލައިގަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެ މެމްބަރުންނަކީ އަޅުގަނޑުމެންގެ ޕާޓީގެ ދަފްތަރުގައި، މިދެންނެވީ އަޅުގަނޑުމެންގެ އިދާރީ ގޮތުން އަޅުގަނޑުމެންގެ މެމްބަރުންގެ ގޮތުގައި އެމްޑީޕީގެ ދަފްތަރުގައި ހިމެނިފަ ތިބި ބޭފުޅުން. އަޅުގަނޑުމެންގެ އެތެރޭގެ އިންތިހާބުތަކުގައި، ޚާއްސަކޮށް ލޯކަލް ކައުންސިލް އިންތިހާބގައި އަޅުގަނޑުމެންގެ ޓިކެޓުގައި ވާދަ ކުރައްވާ ބޭފުޅުންނަށް އެތެރޭގެ ޕްރައިމަރީގައި ވޯޓު ލުމުގެ ހައްގު ލިބިގެން ދާނެ އެމްޑީޕީގެ ދަފްތަރުގައި ތިބި ބޭފުޅުންނަށް،" ޝާތިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެޕާޓީގެ މެމްބަރުކަމުން ވަކިކޮށްފައިވާ ބޭފުޅުންނަށްވެސް ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާފައިވާ ކަމަށާއި މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެބޭފުޅުންނަށްވެސް އެބޭފުޅުންގެ ނަންތައް ހުށަހެޅޭނެ ކަމަށެވެ.

"އެބޭފުޅަކީ އަދި އިލެކްޝަން ކޮމިޝަނުން އެމްޑީޕީގެ މެމްބަރެއް ނޫން ކަމަށް ބެއްލެވިކަމުގައިވީ ނަމަވެސް އަޅުގަނޑުމެންގެ އެތެރޭގެ އިންތިހާބުތަކުގައި އެބޭފުޅުންނަށް ވާދަ ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

ކައުންސިލްތަކުގެ އިންތިހާބުގައި އެޕާޓީގެ ޓިކެޓުގައި ވާދަކުރައްވާނެ ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވާ ޕްރައިމަރީގެ ވޯޓު ލުން ފަށާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގައި ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީން ވަނީ އިއުލާން ކޮށްފައެވެ.

އެޕާޓީން ބުނި ގޮތުގައި ޕްރައިމަރީ އޮންނާނީ މުޅި ރާއްޖެ ތިން ސަރަހައްދަކަށް ބަހާލައިގެން ތިން ދުވަހުގެ މުއްދަތަކަށެވެ.