އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަން ބޭނުންވާ ބޭފުޅުންގެ މެދުގައި ބާއްވާ ޕްރައިމަރީގެ ވޯޓުލުން ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ފަށާނޭކަމަށް އެޕާޓީން މިއަދު ހާމަކޮށްފިއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އެޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ، އެމްޑީޕީގެ ލޯކަލް ކައުންސިލްގެ އިންތިހާބުގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ ރާއްޖެ ތިން ދާއިރާއަކަށް ބަހާލައިގެން ތިން ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އެގޮތުން ޕްރައިމަރީ ފަށާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.

"ކައުންސިލް އިންތިހާބުގެ ޕްރައިމަރީގެ ވޯޓު ލުން މުޅި ރާއްޖެ ތިން ބަޔަކަށް ބަހާލައިގެން އަޅުގަނޑުމެން މިގެންދަނީ. ނޮވެމްބަރު 17، 18، 19 މި ތިން ދުވަހަށް ބަހާލައިގެން އަޅުގަނޑުމެން ވޯޓު ލާނީ. އެތިން ހިސާބުގަ ތިން ދުވަހު މި އޮންނަނީ،" މަނިކު ވިދާޅުވިއެވެ.

މަނިކު ވިދާޅުވި ގޮތުގައި އެ އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ރަށު ކައުންސިލްތަކުގެ ގޮނޑިތަކަށް ވާދަ ކުރެއްވުމަށް 437 ކަނޑައަޅާފައިވާކަމަށާއި އަތޮޅު ކައުންސިލްގެ ގޮނޑިތަކުގެ ތެރެއިން 54 ގޮނޑިއަކަށް އެޕާޓީގެ ޓިކެޓުގައި ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފައެވެ. މީގެ އިތުރުން ސިޓީ ކައުންސިލްތަކުގެ 20 ގޮނޑިއަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕްރައިމަރީގައި ބައިވެރިވުމަށް އެދި ހުށަހެޅުމަށް އެމްޑީޕީން ހުޅުވާލީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. އެޕާޓީން ކުރި އިއުލާނުގައިވާ ގޮތުން ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި ވާދަ ކުރެވޭނީ ވެސް އަދި ޕްރައިމަރީގައި ވޯޓު ލެވޭނީވެސް އެޕާޓީގެ މެމްބަރޝިޕް ކޮމެޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ މެމްބަރުންނަށް އެކަންޏެވެ.

މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ޕްރައިމަރީގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 14ވަނަ ދުވަހު އެވެ.