ސްރީލަންކާގެ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދާތީ އޮޕަރޭޝަންތައް ހުއްޓާލަން ނިންމާފައިވާ، އެގައުމުގެ ބަޖެޓް އެއާލައިން މިހިން ލަންކާއިން ކޮލޮމްބޯއާއި މާލެއާ ދެމެދު ކުރާ އެންމެ ފަހު ދަތުރުތަކުގެ ޓިކެޓުތައް މިހާރު ދަނީ ވިއްކަމުންނެވެ.

ގިނަ އަދަދެއްގެ ދިވެހީން ވެސް ސްރީލަންކާއަށް ދިއުމަށް ބޭނުންކުރާ މިހިން ލަންކާގެ މާލީ ގެއްލުމާއި ދަރަނީގެ މައްސަލަ ބޮޑުވެ، ސްރީލަންކާ ސަރުކާރުން ނިންމާފައިވަނީ މިހިނގާ އޮކްޓޫބަރު މަސް ނިމުމާ އެކު އެގައުމުގެ ގައުމީ އެއާލައިނުގެ ދަށަށް ބަދަލުކޮށް، މިހިން ލަންކާގެ ނަމުގައި ހިންގާ ހުރިހާ އޮޕަރޭޝާނެއް ހުއްޓާލުމަށެވެ.

މިހިން ލަންކާއާއި ސްރީލަންކަން އެއާލައިންސްގެ، ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް، އޭސް އޭވިއޭޝަން ސާވިސެސްގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ފިރާގު "ސަން" އަށް ވިދާޅުވީ، މިހިން ލަންކާއިން އެ އެއާލައިނު ހިންގުން ހުއްޓާލަން ނިންމާފައިވާ ކަމަށާއި، އެއާލައިނުގެ އެންމެ ފަހު ފްލައިޓާ ހަމައަށް މިހާރު ޓިކެޓު ވިއްކަމުންދާ ކަމަށެވެ.

ފިރާގު ވިދާޅުވީ، 30 އޮކްޓޫބަރުގައި މިހިން ލަންކާ ހުއްޓާލާތީ، އެދުވަހުގެ ކުރިން އެ އެއާލައިނުގައި ދަތުރުކުރަން އެދޭ ފަރާތްތަކުން އޮކްޓޫބަރު އަށްވަނަ ދުވަހުގެ ކުރިން ޓިކެޓު ގަތުމަށް އެދޭ ކަމަށެވެ.

ލަންކާގެ މީޑިއާގައި ރިޕޯޓު ކުރާ ގޮތުން، މި އަހަރު ފެށުނު އިރު މިހިން ލަންކާގެ މާލީ ގެއްލުމުގެ އަދަދު ހުރީ 17 ބިލިޔަން ލަންކާ ރުޕީސްގައެވެ. އެއީ 116 މިލިޔަން ޑޮލަރެވެ. އެހެން ނަމަވެސް މިވަގުތު މިހިން ލަންކާގެ ދަރަނި އޮތީ 105.6 މިލިޔަން ޑޮލަރުގައެވެ. އަދި ކެޕިޓަލް ޚަރަދަކީ 122.8 މިލިޔަން ޑޮލަރެވެ.

ލަންކާ ސަރުކާރުން ނިންމާފައި އޮތީ މިހިން ލަންކާގެ އޮޕަރޭޝަންތައް، އެ އެއާލައިނުގެ ދަރަނިތަކާ ވެސް އެކު ލަންކާގެ ގައުމީ އެއާލައިން ސްރީލަންކަން އެއާލައިންސްގެ ދަށަށް ބަދަލުކުރުމަށެވެ. ސްރީލަންކަން އެއާލައިންސްއަކީ ވެސް މިވަގުތު ގެއްލުމާއި ދަރަނީގައި ހިންގަމުން އަންނަ އެއާލައިނެކެވެ.

"މިހިންގެ ދަރަނިތައް ވެސް [ސްރީލަންކަން އެއާލައިންސްއިން] ނަގަން ޖެހޭނީ. ދަރަނިތައް ނުދެއްކިއްޖެ ނަމަ ދައުލަތުގެ ފަރާތުން ދަރަނިތައް ދެއްކުމުގެ ޒިންމާ ނަގަން ޖެހޭނީ. ދަރަނިތައް ދެއްކުމަށް އާމްދަނީ ހޯދަން ދައުލަތުން ޖެހޭނީ ޓެކްސް އިތުރަށް ނަގަން ނުވަތަ ޚަރަދުތައް ވަރަށް ބޮޑަށް ކަނޑާލަން،" ލަންކާގެ ފިނޭންސް މިނިސްޓަރު، ރަވީ ކަރުނާނަޔަކަ ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވިއެވެ.

ސްރީލަންކާގެ މީޑިއާއާ ވާހަކަ ދައްކަވަމުން، ސްރީލަންކަން އެއާލައިންސްގެ ތަރުޖަމާނު ދީޕަލް ޕެރޭރާ ވިދާޅުވީ، އޮކްޓޫބަރު 30 ވަނަ ދުވަހުން ފެށިގެން މިހިން ލަންކާ، ސްރީލަންކަން އެއާލައިންސްއާ އެކުވާނެ ކަމަށާއި، މިހިން ލަންކާއިން ދަތުރުކުރަމުން ދިޔަ މަންޒިލުތަކަށް ސްރީލަންކަން އެއާލައިންސްއިން ފުރިހަމައަށް ޚިދުމަތް ދެމުން ގެންދާނެ ކަމަށެވެ.