05 Oct 2016, 13:40
ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯއާއި އައްޑޫ ސިޓީގެ ގަމާ ދެމެދު ދަތުރުތައް ފެށުމަށް ސްރީލަންކަން އެއާލައިންސްއިން ތައްޔާރުވެއްޖެއެވެ.
މީގެ ކުރިންވެސް ސްރީލަންކަންއިން ވަނީ އައްޑޫގެ ގަން އިންޓަނޭޝާނަލް އެއާޕޯޓާ ދެމެދު ދަތުރު ކޮށްފައެވެ. އެހެން ނަމަވެސް އެ ދަތުރުތައް ވަނީ ހުއްޓާލައިފައެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި، ސްރީލަންކަން އެއާލައިންސްއިން ވަނީ ގަމާއި ކޮލޮމްބޯއާ ދެމެދު އުދުހުންތައް ބޭއްވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުންނެވެ. އެނގިފައިވާ ގޮތުގައި، ގަމަށް ދަތުރުކުރާ ފްލައިޓުތައް ޝެޑިއުލްކޮށް، ޓިކެޓު ވިއްކުމަށް ވެސް މިހާރު ވަނީ ރެޑީ ވެފައެވެ.
އެހެން ނަމަވެސް، ދިވެހި ސަރުކާރާއި ސިވިލް އޭވިއޭޝަން އޮތޯރިޓީން ހޯދަންޖެހޭ ހުއްދަތައް އަދި ލިބިފައި ނުވާތީ އެކަންކަން ވަނީ މަޑުޖައްސާލައިފައެވެ.
ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް އޭވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ފިރާގު "ސަން" އަށް ވިދާޅުވީ ގަމާއި ކޮލޮމްބޯއާ ދެމެދު ސްރީލަންކަން އެއާލައިންސްއިން ކުރާ ދަތުރުތައް، ސަރުކާރުން ލިބެންޖެހޭ ހުއްދަތައް ލިބުނުހާ އަވަހަކަށް ފަށާނެއެވެ. އަދި މިކަމާ ގުޅޭގޮތުން ސްރީލަންކަން އެއާލައިންސްއާއި ގަން އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް ކުންފުނިން ރަސްމީކޮށް މައުލޫމާތު ހާމަކުރާނެ ކަމަށް ފިރާގު ވިދާޅުވިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު --އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްތިޝާމާ އަހްމަދު ސައީދު "ސަން" އަށް ވިދާޅުވީ ސްރީލަންކަން އެއާލައިންސްއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރުމާ މެދު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި، ނަމަވެސް އަދި އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށެވެ.
މި އަހަރުގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސްރީލަންކަންއިން ގަމާއި ކޮލޮމްބޯއާ ދެމެދު ދަތުރުތައް ކުރާނެ ކަމަށް އަޑުތައް ފެތުރިފައި އޮތް ނަމަވެސް، އިބްތިޝާމާ ވިދާޅުވީ މިހާތަނަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާ އެކު އެކަމާ ބެހޭ އެއްބަސްވުމެއް ވެފައި ނުވާ ކަމަށެވެ.
"ސްރީލަންކަން އެއާލައިންސްއާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ލިމިޓެޑާ އެކު ވަނީ ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައި. އެކަމަކު ސްރީލަންކަންއާ އެކު މިހާތަނަށް އެއްބަސްވުމެއްގައި ސޮއިކުރެވިފައި ނުވޭ. އެހެންވެ ފްލައިޓުތައް ފަށާނެ ތާރީޚަކާ މެދު އެއްޗެއް މިވަގުތު ބުނެވެން ނެތް،" އިބްތިޝާމާ ވިދާޅުވިއެވެ.
އިބްތިޝާމާ ވިދާޅުވީ އައްޑޫއާ ކޮލޮމްބޯއާ ދެމެދު ދަތުރުތައް ފެށިގެން ދިއުމަކީ އެސަރަހައްދުގެ ފަތުރުވެރިކަމަށް ލިބޭނެ ކުރިއެރުމެއް ކަމަށާއި، އައްޑޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ކަމެއް ކަމަށެވެ.
މީގެ އިތުރުން އެ ދަތުރުތަކާ އެކު ރާއްޖެއަށް ވަންނަ ޑޮލަރު އިތުރުވެ، ދައުލަތުގެ ވިޔަފާރީގެ ދާއިރާއާއި އިގްތިސާދީ ތަރައްގީއަށް އޭގެ ހިއްސާ ކުރާނެ ކަމަށް އިބްތިޝާމާ ވިދާޅުވިއެވެ.