07 Jun 2011, 13:54
ކުޑަކުއްޖެއް ކަމަށް ބަލާ އުމުރު 15 އަހަރަށް ދަށްކުރުމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ ތަޅުމުން މިއަދު ބޭރުކޮށްލައިފި އެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގާނޫނަށް މަހުލޫފު ހުށަހެޅުއްވި ދެ އިސްލާހު މަޖިލީހުން ބަލައިގެންނަން ފެންނަ ކަމަށް ވޯޓް ދެއްވީ ޖަލްސާއަށް ހާޒިރުވި 57 މެންބަރުންގެ ތެރެއިން 16 މެންބަރުންނެވެ. ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓް ދެއްވީ 41 މެންބަރުންނެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ 30 މާއްދާއަށް ހުށަހެޅި އިސްލާހުގައި ވަނީ ކުޑަކުއްޖަކަށް ބަލާ އުމުރު ފަހަނައަޅައި، ނިމޭނީ 15 އަހަރުން ކަމަށެވެ. ނުވަތަ "މުކައްލަފެއްގެ" އުމުރަކީ 15 އަހަރުން މަތި ކަމަށެވެ.
ނަމަވެސް އެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) މިހާރު ލިޔެވިފައި ވަނީ "ކުޑަކުދިންގެ މާނައަކީ މައިމީހާގެ ބަނޑުގައި އާދަމްގެ ދަރިޔާ ގަރުބަ ގަތީއްސުރެ، ދުނިޔެއަށް އުފަންވުމާދެމެދުގެ ހާލަތުގައިވާ ކުދިންނާއި، ދުނިޔެއަށް އުފަންވުމަށްފަހު މީލާދީ ގޮތުން 18 އަހަރު ފުރިހަމަ ނުވާ ކުދިން" ކަމަށެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނުނުގެ 29 ވަނަ މާއްދާގެ (ށ) ގެނައި އިސްލާހުގެ ސަބަބުން 15 އަހަރުން މަތީގެ ކުއްޖަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމަރީ ހިންގައިފިނަމަ އެ ކަމުގެ މަސްއޫލިއްޔަތު ގާނޫނީ ގޮތުން އެ ކުއްޖަކު އުފުލަންޖެހޭނެ އެވެ. ނަމަވެސް އެ ގާނޫނުގެ ދަށުން މާރާމާރީ ފިޔަވައި އެހެނިހެން ކުށްތަކުގައި 15 އަހަރުން މަތީގެ ކުއްޖަކާ މެދު ގާނޫނީ ފިޔަވަޅު ނޭޅޭނެ އެވެ.
މަހުލޫފު ހުށަހެޅުއްވި އިސްލާހުގެ ބިލުގެ އިބްތިދާއީ ބަހުސްގައި އިއްޔެ މެންބަރުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ އެ ބިލަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އޮތް ހުރަހެއް ކަމަށެވެ. އަދި އެ ގާނޫނަށް އެ އިސްލާހު ގެނެސްފިނަމަ ފުރާވަރުގެ އުމުރަށް އަޅަމުންދާ ކުދިނަށް ނަފްސާނީ ގޮތުން ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ. އެ ގޮތުން ކުށުގެ ތުހުމަތުގައި ބަންދުކުރޭ ކުއްޖަކު ނުކުރާ ކަމަކަށް އިއުތިރާފު ވުމުގެ ފުރުސަތު ބޮޑު ކަމަށް މެންބަރުން ފާހަގަ ކުރައްވާފައިވެ އެވެ.
ނަމަވެސް މަހުލޫފު ވިދާޅުވީ އެ ބިލަށް އެ އިސްލާހު ހުށަހެޅީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް )އެޗްއާރުސީއެމް( އާއި ޔުނައިޑެޓް ނޭޝަން ޗިލްޑްރަންސް ފަންޑް )ޔުނިސެފް( އާއި ފުލުހުންނާއި ހެލްތު މިނިސްޓްރީގެ ޖެންޑާ ޑިޕާޓްމެންޓްގެ ލަފާގެ މަތިން ކަމަށެވެ. އަދި އެ ހުރިހާ އިދާރާއަކުން ވެސް އެ އިސްލާހަށް ދާއިދު ކުރައްވާފައިވާ ކަމަށް މަހުލޫފު ވިދާޅުވި އެވެ. އަދި ތަހުޒީބު ގައުމުތަކުގައި ކުޑަކުއްޖެއް ކަމަށް ބަލާ އުމުރު 15 އަހަރަށް ވުރެ ދަށް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އިސްލާހުގެ ސަބަބުން ގާނޫނީ ފިޔަވަޅު އެޅޭނީ ހަމައެކަނި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާ ކުދިންނާމެދު ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އާންމުވެފައިވާ ބޮޑެތި ކުއްތަކުގައި މާރާމާރީ ހިންގުމުގައި ހަރަކާތްތެރިވަމުންދަނި ފުރަވަރުގެ އުމުރުގެ ކުދިން ކަމަށާއި އެ އިސްލާހުގެ މަޖިލީހުން ފާސްކުރި ނަމަ މާރާމާރީގެ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ.