ޔޫތު ޗެމްޕިއަންޝިޕްގައި އަލީ ހާފިޒް ކާމިޔާބުކުރި ދެ ލަނޑުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބު އަލުން ތާވަލުގެ އެއް ވަނައަށް ޖެހިލައިފި އެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި މާޒިޔާގެ މައްޗަށް ޓީސީން ކުރި ހޯދާފައިވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވެފައިވަނީ 2-0 ލަނޑުން --- ފޮޓޯ: މާޒިޔާ

އެ ނަތީޖާއާ އެކު، ކުޅުނު ހަ މެޗުން ލިބުނު 14 ޕޮއިންޓާއެކު އަލުން ތާވަލުގެ އެއް ވަނައަށް ޓީސީ ޖެހިލި އިރު، އިއްޔެގެ މެޗުން ބަލިވި މާޒިޔާ އޮތީ ކުޅުނު ހަ މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައެވެ. ތާވަލުގެ ދެ ވަނައަށް ވެއްޓުނު ކްލަބު އީގަލްސް އަށް ކުޅުނު ހަ މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.

އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވެފައިވަނީ 2-0 ލަނޑުން --- ފޮޓޯ: މާޒިޔާ

މެޗުގައި ޓީސީގެ ހާފިޒް ކާމިޔާބުކުރި ދެ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށެވެ. މެޗުގެ 81 ވަނަ މިނެޓުގައި ޓީސީއަށް ހާފިޒް ލީޑު ހޯދައިދިން އިރު، ދެ ވަނަ ލަނޑެއް ޖަހައި އެ ޓީމަށް އޭނާ ލީޑު ފުޅާކޮށްދިނީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ.

އެ މުބާރާތުގެ މެޗެއް މިއަދު ވެސް ކުރިއަށްދާނެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މި އަހަރު އަށް ޓީމު ވާދަކުރެ އެވެ. އެއީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ޔުނައިޓެޑް ވިކްޓަރީ އާއި، ކްލަބު ވެލެންސިއާ އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ބީޖީ ސްޕޯޓްސް އާއި، ޓީސީ ސްޕޯޓްސް ކްލަބު އަދި ކްލަބު އީގަލްސް އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވެފައިވަނީ 2-0 ލަނޑުން --- ފޮޓޯ: މާޒިޔާ

މުބާރާތުގެ ލީގު ބުރުގެ މެޗުތައް ހެންވޭރު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީ ފައިނަލާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. ސެމީގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއް ވަނަ އަދި ދެ ވަނަ ޓީމު ވާދަކުރާ އިރު، އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ. ސެމީގެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ ތިން ވަނަ އަދި ހަތަރު ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމެއް ތިން ވަނަ ސެމީގައި ނުކުންނަން ޖެހޭނީ ފުރަތަމަ ސެމީން ބަލިވާ ޓީމަކާ ދެކޮޅަށެވެ. އަދި ތިން ވަނަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެ އެވެ.

ސެމީގެ ފުރަތަމަ މެޗާއި ދެ ވަނަ މެޗު މި މަހުގެ 15 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ ތިން ވަނަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.