ކާޑުގެ ބާވަތްތަކުން ރައްޔިތުންނަށް ދެމުން ދިޔަ ސަބްސިޑީ ކަނޑާލުމާ ގުޅިގެން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވާތީ ރައްޔިތުންގެ ބަޖެޓުން ސަބްސިޑީ ދޭން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

މީގެ ކުރިން ސަރުކާރުން ކާޑުގެ ބާވަތްތަކަށް ދެމުން ދިޔަ ސަބްސިޑީ ކަނޑާލުމާ ގުޅިގެން މިހާރު ކާޑުގެ ބާވަތްތަކުގެ އަގުތައް ވަނީ އުފިލަފަ އެވެ.

އުނގޫފާރު ކައުންސިލުގެ ރައީސް އަބްދުއްނާސިރު އަލީ ވިދާޅުވީ ކައުންސިލުން އެގޮތަށް ނިންމީ ކުއްލި ގޮތަކަށް ސަބްސިޑީ ކަނޑާލަން ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.

އެ ރަށު ކައުންސިލުގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށް ކާޑުގެ ބާވަތްތަކުން ސަބްސިޑީ ދޭން ނިންމުމާ ގުޅިގެން އުނގޫފާރުން މީގެ ކުރިން ވެސް ކާޑުގެ ބާވަތްތައް ލިބެމުން ދިޔަ އަގުގައި ލިބެމުންދާނެ ކަމަށް އަބްދުއްނާސިރު ވިދާޅުވި އެވެ. އަދި ވިދާޅުވީ "ދާއިމީ ގޮތެއްގައި ސަބްސިޑީ ދޭން ޖެހިއްޖެ ނަމަވެސް ދޭގޮތަށް ނިންމާނެ" ކަމަށެވެ.

ކާބޯތަކެތީގެ އަގަށް އައި ބަދަލާ އެކު އެސްޓީއޯ އިން އިއުލާން ކޮށްފައިވާ ގޮތުން، 3.98 ރުފިޔާއަށް ވިއްކަމުން އަންނަ ހަނޑޫ ކިލޯގެ އަގު، 7.96 ރުފިޔާއަށް އުފުލޭނެ އެވެ. އަދި 4.50 ރުފިޔާއަށް ވިއްކާ ހަކުރު ކިލޯގެ އަގު އަށް ރުފިޔާއަށް، އަދި 3.50 ރުފިޔާއަށް ދޭ ފުށް ކިލޯގެ އަގު 5.96 ރުފިޔާއަށް، އެކެއް އޮކްޓޯބަރުން ފެށިގެން ވަނީ ބޮޑުވެފަ އެވެ. އަދި އަތޮޅުތެރެއަށް މި ތަކެތީގެ އަގު މިއަށް ވުރެ ވެސް ބޮޑެވެ.