ހުޅުމާލޭ ހޮސްޕިޓަލްގެ ލޯގޯ ހެދުމަށް އާއްމުންނަށް ހުޅުވާލައިފި އެވެ.

އާސަންދަ ކޮމްޕެނީން މިދިޔަ ހޮނިހިރު ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގެ ލޯގޯ ފަރުމާކުރުމަށް އާއްމުންނަށް ހުޅުވާލާފައިވާ ކަމަށާއި ކޮންމެ ދިވެއްސަކަށްވެސް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެއްވަނައަށް ހޮވޭ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާ އިނާމު ދިނުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހާ ހަމަައަށް ވަނީ ހުޅުވާލާފައެވެ.

އެ މުބާރާތުގައި ހުށަހަޅާ ލޯގޯ އަކީ ޒަމާނީ، އުފެއްދުންތެރި، އަމިއްލަވަންތަ އަދި ހުޅުމާލޭ ހޮސްޕިޓަލުގެ މަސައްކަތާ ގުޅުން ހުރި ލޯގޯއަކަށް ވާންޖެހެ އެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގެ ނަން އިނގިރޭސިންނާއި ދިވެހި ބަހުން ލިޔެފައި އޮންނަންޖެހޭ އިރު ފަރުމާކުރާ ލޯގޯގައި ބޭނުންކުރާ ކުލަތައް ފަށުވިވެފައި އެކުލަތަކުގެ މުރާދު ކުރު ލިޔުމަކުން ބަޔާން ކުރަން ޖެހެ އެެވެ.

ލޯގޯގެ ފަރުމާތަކަށް އިންސާފު ކުރުމަށް ހަމަޖެހިފައިވަނީ އާސަންދަ ކުންފުނީގެ ސީނިއާ މެނޭޖްމެންޓުގެ ބޭފުޅުންނެވެ.

އާސަންދަ ކޮމްޕެނީން ބުނެފައިވަނީ ފަރުމާ ކުރާ ލޯގޯއާއި ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތަކާ ގުޅުންހުރި ގޮތް ކުރު އިބާރާތަކުން ބުނެދޭންޖެހޭނެ ކަމަށެވެ. އަދި ތިން ފޯމެޓަކަށް ލޯގޯ ފަރުމާ ކުރަން ޖެހޭނެ ކަމަށް އެ ކޮމްޕެނީން ބުނެ އެވެ. އެގޮތުން ވެބް ވާޝަން، ސްކޭލަބަލް ވެކްޓާ އަދި ޕްރިންޓް ކޮލިޓީ ވާޝަން އަށް ލޯގޯ ހުށަހަޅަން ޖެހެ އެވެ.

ލޯގޯ ހުށަހެޅުމަށް ބުނެފައިވަނީ 300 ޑީޕީއައިގެ ރިޒޮލިއުޝަންގައެވެ. އަދި 10 އެމްބީއަށްވުރެ ބޮޑު ނުވާނެހެން ލޯގޯގެ ޕީޑީއެފް ފައިލް ފޯމެޓެއް ހުށަހެޅުމަށްވެސް އާސަންދައިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ. އެ ކުންފުނިން ބުނީ ލޯގޯގައި ބޭނުން ކުރާ ފޮންޓަކީ ސްޓޭންޑާޑް ފޮންޓެއް ކަމުގައި ނުވާނަމަ އެ ފޮންޓެއްވެސް ލޯގޯއާ އެކު ހުށަހަޅަން ޖެހޭނެ ކަމަށެވެ. ހުށަހަޅާ ލޯގޯ ހޮވިއްޖެ ކަމުގައިވާނަމަ އެ ލޯގޯގެ ހައި-ރިޒޮލިއުޝަން ވެކްޓާ ފައިލެއް ހުށަހެޅުމަށް އާސަަންދައިން ބުނެފައިވެ އެވެ.

ފަރުމާކުރާ ލޯގޯތައް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުުނެ އެވެ. އެގޮތުން އެކުންފުނިން ލޯގޯ ހުށަހެޅުމަށް ބުނެފައިވާ އީމެއިލް އަކީ[email protected]އެވެ. ލޯގޯ ހުށަހަޅާއިރު ފުރިހަމަ ނަމާއި އައިޑީ ކާޑު ނަމްބަރުގެ އިތުރުން ގުޅޭނެ ފޯނު ނަމްބަރެއް ހުށަހެޅުމަށް އެކުންފުނިން އެދެއެވެ.