ވޮޝިންޓަން (އޮކްޓޯބަރު 5): އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ފަރާތުން ނައިބު ރައީސް ކަމަށް ވާދަ ކުރައްވާ މައިކް ޕެންސް އާއި ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ނައިބު ރައީސް ކަމަށް ވާދަ ކުރައްވާ ޓިމް ކެއިންގެ ފުރަތަމަ ޓީވީ ބަހުސް ރޭ ވަނީ ބާއްވާފަ އެވެ.

ޕެންސް ވަނީ ޑިމޮކްރަޓިކް ޕާޓީގެ ކެނޑިޑޭޓު ހިލަރީ ކްލިންޓަން ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓުގެ ގޮތުގައި ހުންނެވި އިރު ހާރިޖީ ސިޔާސަތުން ފެއިލްވެފައި ކަމަށާއި އެހެންކަމުން އޭނާއަކީ ރަނގަޅު ލީޑަރެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އަދި ކެއިން ވަނީ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު ޑޮނަލްޑް ޓްރަމްޕް އިންތިހާބުވުމުގެ ނުރައްކާތެރިކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ޓްރަމްޕަށް އިޝާރާތް ކުރައްވާ ކުރީގެ ރައީސް ރޮނަލްޑް ރޭގަން ވިދާޅުވި ބަސްފުޅެއް ބޭނުން ކުރައްވާފަ އެވެ.

"ރޮނަލްޑް ރޭގަން ވިދާޅުވީ ނިއުކްލިއާ ހަތިޔާރު އިތުރު ކުރުމުގެ ނުރައްކަލަކީ ކޮންމެވެސް މޮޔައަކު (އޭ ބޭނުންކޮށްގެން) ބޮޑު ކާރިސާއެއް ކުރިމަތިކުރުވުން ކަމަށް. އަޅުގަނޑަށް ހީވަނީ އެ (މޮޔަައަކީ) ގަވަރުނަރު ޕެންސްގެ ރަނިންމޭޓު ހެން،" ވާޖީނިއާގެ ސެނެޓަރު ޓިމް ކެއިން ވިދާޅުވި އެވެ.

އަދި ކެއިން ވަނީ ޓްރަމްޕް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއަށް ކުރައްވާ ތައުރީފަށް ފާޑު ވިދާޅުވެ، ޓްރަމްޕާއި ރަޝިއާ ސަރުކާރުގެ މުއްސަނދިންނާއި އޮތް ވިޔަފާރީގެ ގުޅުންތަކާ ބެހޭ ގޮތުން ސުވާލު އުފައްދަވާފަ އެވެ.

ނަމަވެސް ޕެންސް ވަނީ ޓްރަމްޕް ޕުޓިންއަށް ތައުރީފު ކުރެއްވީ ޕުޓިންގެ ބާރުގަދަ ކަމުން ކަމަށް ވިދާޅުވެފަ އެވެ. އަދި ހަގީގަތަކީ ހިލަރީ އާއި ރައީސް ބަރަކް އޮބާމާގެ ވެރިކަމާ އަޅާ ބަލާއިރު ޕުޓިން މާބާރު ގަދަކަން ކަމަށް ޕެންސް ވިދާޅުވި އެވެ.

މީގެ އިތުރުން ދެރަނިންމޭޓުން ވަނީ ޓްރަމްޕްގެ ޓެކްސް ރިޓާންސްއާ ބެހޭ ގޮތުންވެސް ވާހަކަފުޅު ދައްކަވާފަ އެވެ. ޕެންސް ވަނީ ޓްރަމްޕް ޓެކްސް ނުދެއްކުމުން ދޭހަވަނީ އޭނާގެ ތޫނުފިލިކަން ކަމަށް ވިދާޅުވެފަ އެވެ.

"އެހެންވީމާ އަޅުގަނޑުމެން ފަދަ ޓެކްސް ދައްކާ މީހުންނަކީ މޮޔައިންތޯ؟" ޕެންސްއަށް ރައްދު ދެއްވަމުން ކެއިން ވިދާޅުވި އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ އަށެއްގަ އެވެ. އޭގެ ކުރިން ދެޕާޓީގެ ރިޔާސީ ކެނޑިޑޭޓުންގެ ދެބަހުސް ބާއްވާން ހަމަޖެހިފައިވެ އެވެ. (ބީބީސީ)