05 Oct 2016, 12:19
ކްރިސްޓިއާނޯ ރޮނާލްޑޯގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ފުޓްބޯޅަ ކުޅުމުގައެވެ. ފުޓްބޯޅައަށް ފަހު ކުރިމަގަށް ވިސްނި ނަމަވެސް، އެހާ އަވަހަށް ފުޓްބޯޅަ ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ރޮނާލްޑޯ ނުގެންގުޅެއެވެ.
ރޮނާލްޑޯ ވަނީ އިނގިރޭސި އަދި ސްޕެއިންގައި ވެސް ވިދާލާފައިފައެވެ. އޭގެ ތެރޭގައި އޭނާ ވަނީ ކްލަބު ފެންވަރުގައި ކުޅުންތެރިޔަކަށް ހޯދޭނެ ހުރިހާ ކާމިޔާބެއް ހޯދައިފައެވެ. މެންޗެސްޓާ ޔުނައިޓެޑުގައި އޭނާ ކުޅުނު 291 މެޗުން 118 ލަނޑު ކާމިޔާބުކުރިއެވެ. އަދި އޭނާ ވަނީ ރެއާލް މެޑްރިޑަށް މިހާތަނަށް ކުޅުނު 354 މެޗުން 367 ލަނޑު ކާމިޔާބުކޮށްފައެވެ.
"ދިރިއުޅުން ބިނާވެފައި އޮންނަނީ ހަމައެކަނި ފުޓްބޯޅައަކަށް ނޫން. އަހަރެން ކުރިމަގަށް ވެސް ވިސްނަންޖެހޭ. ފުޓްބޯޅަ ކުޅުމުގައި އަހަރެން ދެން މާ ގިނަ އަހަރުތަކެއް ހޭދައެއް ނުކުރާނަން. ގާތްގަނޑަކަށް ދިހަ އަހަރު ނުވަތަ އެއަށްވުރެ ތަންކޮޅެއް ކުރިން ކުޅުން ހުއްޓާލާނަން. އެހެންވެ ކުރިމަގަށް އަހަރެން ވިސްނަން ޖެހޭ،" ޕޯޗުގަލްގެ ލިސްބަންގައި ހުންނަ ހޮޓަލެއް ހުޅުވައިދިނުމަށްފަހު ވާހަކަދައްކަމުން އުމުރުން 31 އަހަރުގެ ރޮނާލްޑޯ ބުންޏެވެ.
ހަތަރު ފަހަރު ޕްރިމިއާ ލީގާއި، އެއް ފަހަރު ސްޕެނިޝް ލަލީގާ އަދި ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރޮނާލްޑޯ ވަނީ ޕޯޗުގަލްއާ އެކު މި އަހަރު ކުރިއަށްދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އެވޯޑު ތިން ފަހަރަކު ހޯދައިފައެވެ.