ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާ 62،500ރ. ގެ އިތުރުން މާލިއްޔަތު ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތިން މެމްބަރުންނަށް ދިނުމަށް ނިންމާފައިވާ 20،000ރ.ގެ ކޮމެޓީ އެލަވަންސް އުނިކުރުމަށް ދެ ވަނަ ފަހަރަށް ވެއްދި ގަރާރު ވެސް މަޖިލީހުގެ ތަޅުމުން މިއަދު ބޭރުކޮށްލައިފި އެވެ.

ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަންނަން ފާސްކުރަން ފެންނަ ކަމަށް ވޯޓް ދެއްވީ ޖަލްސާއަށް ހާޒިރުވި 57 މެންބަރުންގެ ތެރެއިން 17 މެންބަރުންނެވެ. އަދި އެ ގަރާރު މަޖިލީހުން ބޭރުކުރުމަށް ވޯޓް ދެއްވީ 20 މެންބަރުންނެވެ.

މިއަދު އެ ގަރާރު ބޭރުކޮށްލާފައިވަނީ ދެން އިތުރަށް އެފަދަ ގަރާރެއް މަޖިލީހަށް ހުށަނޭޅޭނެ ގޮތަށެވެ. އޭގެ މާނައަކީ މެމްބަރުންނަށް 20،000ރ. ދިނުމާއި ނުދިނުމުގެ ބާރު މިހާރު މާލިއްޔަތު ކޮމިޓީއަށް ލިބިފައިވާ ކަމަށެވެ. އެ ކޮމިޓީގައި އޮތީ އެމްޑީޕީގެ އަޣުލައްބިޔެތެވެ.

އެ އެލަވަންސް އުނިކުރުމަށް ފުރަތަމަ ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވައި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އެވެ. ނަމަވެސް އެ ގަރާރު އޭނާ ވަނީ ފަހުން އަނބުރާ ގެންދަވާފަ އެވެ.

ވިހި ހާސް ރުފިޔާގެ އެލަވަންސް އުނިކުރުމަށް މަހުލޫފު ހުށަހެޅުމާއެކު އޭނާއަށް މެންބަރުންގެ ފަރާތުން ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރާއި ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް، ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ، 20،000ރ. އެލަވަންސެއް މެންބަރުންނަށް ލިބިވަޑައި ނުގަންނަވާ ކަމަށާއި އެހެންކަމުން އެ އެލަވަންސް އުނިކުރަން ނުނިންމޭނެ ކަމަށެވެ.

ކޮމެޓީ އެލަވަންސް ގޮތުގައި އިތުރަށް 20،000ރ. މެމްބަރުންނަށް ދިނުމަށް ހަމަޖެއްސުމުން އެކަމާ ހިތްހަމަނުޖެހިގެން ގިނަ ބަޔަކު ވަނީ ޑިސެމްބަރު 30 ގައި މަޖިލިސް ދޮށުގައި އެއްވެސް މުޒާހަރާވެސްކޮށްފަ އެވެ.