ޖީސީއީ އޯލެވެލް އިމްތިހާން ކުރިއަށްދާ ދުވަސްވަރު ސިޔާސީ ޕާޓީތަކުން، ކިޔަވާކުދިންނަށާއި އާންމުންނަށް ދަތިނުވާނެހެން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކުގެ ސަބަބުން ކިޔަވާ ކުދިންނަށް ދަތިތަކާ ކުރިމަތިވެ އެކަމުގެ ޝަކުވާ ހުށަހަޅަމުން އަންނަ ކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ސަން އަށް ވިދާޅުވީ، ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތައް ހިންގަންޖެހޭނީ އާންމު އިޖްތިމާއީ މިންގަނޑާ ހިލާފް ނުވާގޮތަށް ކަމަށެވެ.

ސްކޫލު ކުދިންގެ އިމްތިހާނު ދުވަސްވަރު ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދާއިރު އެކަމަށް ވިސްނައިގެން ކުދިންނަށް އުނދަގޫ ނުވާނެހެން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

އެމްޑީޕީ ހަރުގެ ސަރަހައްދުގައި އަޑުގަދަކޮށް ހަރަކާތްތައް ކުރިއަށްގެންދާތީ އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވެފައިވާ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ސެކެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު މިއަދު ސަން އަށް ވިދާޅުވީ، އެޕާޓީގެ ސިޔާސީ ހަރަކާތްތަކީ އެއްވެސް ފަރާތަކަށް އުނދަގުލެއް ކުރިމަތި ކުރުމަށް ކުރާކަމެއް ނޫން ކަމަށާއި އެ ޕާޓީގެ ހަރަކާތްތައް ހިންގަނީ ގާނޫނުން ލިބިދޭ ހުއްދައިގެ ދަށުން ކަަމަށެވެ.