05 Oct 2016, 09:55
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ 35 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން، ޑީބީސީ ބަލިކޮށް، ސައިކްލޯން ބީސީ ހޯދައިފި އެވެ.
ސައިކްލޯން ބީސީން އެ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ޑީބީސީގެ މައްޗަށް 52-38 ޕޮއިންޓުން ކުރި ހޯދައިގެންނެވެ.
ސައިކްލޯން ބީސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ އެ ޓީމުގެ ނަތާސާ މިހަޓޮވިޗް އެވެ. އެ މެޗުގައި އޭނާ ވަނީ އެ ޓީމަށް 33 ޕޮއިންޓް ހޯދައިދީފައެވެ. ޑީބީސީއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވަނީ ޕްރެމިލާ ފެނާންޑޯ އެވެ. އޭނާ އެ ޓީމަށް ދިހަ ޕޮއިންޓް ހޯދައިދީފައިވެ އެވެ.
އަންހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކަށް ސައިކްލޯން ބީސީގެ ކޯޗު އަހްމަދު ނަޒީފް ހޮވުނު އިރު، އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިޔަކަށް ހޮވުނީ ޔޫތު ސްޕޯޓްސް ކްލަބުގެ ފާތިމަތު ރިޝްމާ އެވެ. އޭނާ ވަނީ ޓީމަށް 94 ޕޮއިންޓް ހޯދައިދީފައެވެ.
އަންހެން ޑިވިޝަންގެ އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިޔަކަށް ޑީބީސީގެ ނަޝްފާ އާމިރާ ހޮވުނު އިރު، އެންމެ މޮޅު އޮފެންސިވް ކުޅުންތެރިޔަކަށް ހޮވުނީ ރިޝްމާ އެވެ. އެންމެ މޮޅު ޕޮއިންޓް ގާޑަކަށް ޑީބީސީގެ ޕްރެމިލާ ފެނާންޑޯ ހޮވުނު އިރު، 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ޔޫތު ސްޕޯޓްސް ކްލަބުގެ ހައްވާ މިޝޭލާ ހަލީމް އެވެ. އަދި އެންމެ ފައިދާހުރި ކުޅުމެއް ދެއްކި ކުޅުންތެރިޔަކަށް ހޮވުނީ ސައިކްލޯން ބީސީގެ ފާތިމަތު ޝައިލާން އަފްޒަލް އެވެ.