ހުޅުމާލޭ އިރުމަތީ ފަރާތުގެ ގޮނޑުދޮށް ވިޔަފާރި އުސޫލުން ދޫކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހުޅުމާލޭގެ ގޮނޑުދޮށުގައި ގޮނޑި މޭޒު ޖަހައިގެން އަދި ތަފާތު އުޅަނދުތައް ބަހައްޓައިގެން ވިޔަފާރި ކުރުމަކީ ވަރަށް އާންމުކަމެކެވެ. އެކަން މިހާރު ކުރަނީ ގަވައިދާ ހިލާފަށް އެއްވެސް ހުއްދައެއް ނުނަގައެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުނިސިޕަލް ޑިރެކްޓަރު އިސްމާއިލް ޝާން ރަޝީދު ސަން އަށް ވިދާޅުވީ، މިހާރު ވަކި އުސޫލެއް ނެތި ބޭނުންކުރާ އެ ބިންތައް ބޭނުންކުރެވޭނެ ވަކި އުސޫލެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިމަސް ތެރޭ ގަވައިދު ހަދައި އާންމު ކުރެވޭނެ ކަމަށްވެސް ޝާން ވިދާޅުވިއެވެ.

އެތަންތަން ކުއްޔަށް ދޭނެ އަގެއް އަދި މުއްދަތެއް ފަދަ ކަންކަން އެޗްޑީސީން އަދި ރަސްމީކޮށް ނުނިންމައެވެ.

އެޗްޑީސީން ބުނީ އެތައް ޒަމާނެއްވީއިރު އެކަން ނުހުއްޓުވި އޮތީ މުނިސިޕަލް ގަވައިދެއް ނެތުމުން ކަމަށެވެ.