05 Oct 2016, 09:06
އާންމުކޮށް ކެއިން ބުއިމުއިމުގައި ބޭނުންކުރާ ކާޑުގެ ބާވަތްތައް ވިއްކުމުގައި ކޮންޓުރޯލް އަގެއް ނުގެންގުޅޭ ވިޔަފާރިތައް ހޯދައި ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރުން ނިންމާފައި ވަނީ މިމަހުން ފެށިގެން ޒަމާންނުންސުރެ ރާއްޖޭގައި އެންމެނަށް ދެމުން އައި ކާޑުގެ ސަބްސިޑީ ހަމައެކަނި ނިކަމެތިންނަށް ދިނުމަށެވެ. ނަމަވެސް ކާޑުގެ ބާވަތްތައް ވިއްކުމަށް ހުއްދަދީފައި ވަނީ ސަރުކާރުން ހުއްދަދީފައިވާ އަގެއްގަ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް މިއަދު ސަން އަށް ވިދާޅުވީ ސަރުކާރުން ހުއްދަދީފައިވާ އަގަށް ވުރެ ބޮޑުކޮށް ކާޑުގެ ބާވަތްތައް ވިއްކާކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި އެކަން ބަލައި ފިޔަވަޅު އެޅުމަށް އެމިނިސްޓްރީން ފިހާރަތައް ޗެކްކުރަމުން އަންނަ ކަމަށެވެ.
އެގޮތަށް ވިޔަފާރިކުރާ ފަރާތްތައް ހޯދައި ޖޫރިމަނާ ކުރެވޭނެ ކަމަށާއި އެވަރުން އިސްލާހް ނުކޮށްފި ނަމަ ވިޔަފާރި ކުރުމުގެ ހުއްދަ ބާތިލް ކުރާނެ ކަމަށް ވެސް ތައުފީގް ވިދާޅުވި އެވެ.
"ރިޕޯޓް ކުރާވަރަކުން ބަލަމުން މިދަނީ، ފާހަގަކުރެވޭ ވަރަކުން ހަރުކަށި ފިޔަވަޅު އަޅާނަން، ރައްޔިތުންނަށް ހަމައަގުގައި ލިބޭނެ އިންތިޒާމް ހަމަޖައްސާނަން،" ތައުފީގް ވިދާޅުވި އެވެ.
ރާއްޖޭގެ އެއްވެސް ސަރަހައްދަކުން އެފަދަ މައްސަލައެއް ފާހަގަކުރެވިއްޖެ ނަމަ އިކޮނޮމިކް މިނިސްޓްރީއަށް ގުޅައި މައްސަލަ ހުށައެޅުމަށް އެމިނިސްޓްރީން އެދެ އެވެ.
ސަރުކާރުން ވަކި އަގެއް ކަނޑައެޅި ނަމަވެސް އެއަށް އަމަލު ނުކުރާ ވިޔަފާރިތައް ގިނަ އެވެ. އެގޮތުން 7.96 ރުފިޔާ އަށް ވިއްކަން ހުއްދަދިން ހަނޑޫ ކިލޯއެއް ނުވަ ރުފިޔާއަށް އަދި 10 ރުފިޔާއަށް އެބަވިއްކަ އެވެ. އަށް ރުފިޔާއަށް ވިއްކަން ހުއްދަދީފައިވާ ހަކުރު ކިލޯއެއް ވެސް އެއަށް ވުރެ އަގުބޮޑުކޮށް ވިއްކާ އިރު 5.96 އަށް ވިއްކުމަށް އަންގާފައިވާ ފުއްކިލޯ ހަތް ރުފިޔާއަށް އަދި އަށް ރުފިޔާއަށް އެބަވިއްކަ އެވެ.
އަތޮޅުތެރެއަށް މާލެއަށް ވުރެ ކާޑުގެ ބާވަތްތައް ވިއްކުމަށް ހުއްދަދީފައިވާ އަގުތައް ބޮޑެވެ. ނަމަވެސް އެއަށް ވުރެ ވެސް އަގުބޮޑުކޮށް ބައެއް ފިހާރަތަކުން ވިޔަފާރިކުރާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.