މީގެ އަށާރަ އަހަރު ކުރިން، 1998 ވަނަ އަހަރު ރިލީޒްވި ފިލްމު "ކުޗް ކުޗް ހޯތާ ހޭ" އަކީ ހަމަގައިމު ވެސް އަދި ވެސް ވަރަށް ގިނަ ބަޔަކަށް ކަމުދާ ފިލްމެކެވެ. އެއީ ދިވެހިންގެ މެދުގައި ވެސް މަގުބޫލު ފިލްމެކެވެ. އަދި އެ ފިލްމުގެ ދިވެހި ކޮޕީއެއް ވެސް ވަނީ އުފައްދައިފަ އެވެ.

ޝާހު ރުކް ޚާން، ކާޖަލް އަދި ރާނީ މުކަރްޖީ ލީޑު ރޯލުތަކުން ފެނިގެން ދިޔަ އެ ފިލްމު ލިޔެ ޑައިރެކްޓް ކުރީ ކާމިޔާބު ޑައިރެކްޓަރު ކަރަން ޖޯހަރު އެވެ.

ފިލްމަށް 18 އަހަރު ފުރުމާ ގުޅިގެން ކަރަން ވަނީ އެ ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ. އެ ފިލްމާ ގުޅޭ ގޮތުން ކަރަންގެ ވިސްނުން މިހާރު ވަނީ ހަމަ ގައިމު ވެސް ވަރަށް ބޮޑަށް ބަދަލުވެފަ އެވެ.

އެގޮތުން އެ ފިލްމު މި ޒަމާނަށް ނުފެތޭ ކަމަށާއި ފިލްމުގައި ވަރަށް ގިނަ މައްސަކަ ހުރި ކަރަން ބުންޏެވެ. އަދި ދެވަނަ ފަހަރަށް އެ ކަންކަން ރަނގަޅު ކޮށް އާ ފިލްމެއް ހަދަން ބޭނުންތޯ ސުވާލު ކުރުމުން، އެ ފިލްމު އުފައްދާނެ ކަމާ ދޭތެރޭ ވެސް ޔަގީން ކަމެއް ނެތް ކަމަށް ކަރަން ވަނީ ބުނެފަ އެވެ.

"އަސްލު ކުޗް ކުޗް ހޯތާ ހޭ އަކީ ވަރަށް މޮޔަ ތީމް އަކަށް އުފައްދާފައިވާ ފިލްމެއް. ނޭނގެ މަންމަ އެ އަށް ސިޓީގައި ލިޔުނީ ކޯއްޗެއް ކަމެއް ވެސް ނޭނގެ. އަދި ފިލްމުގައި ޝާހު ބުނޭ ލޯބި ވެވޭނީ ވެސް އެއް ފަހަރު ކަމަށް އަދި ކައިވެނި ކުރާނީ ވެސް އެއް ފަހަރު ކަމަށް ބުނޭ. އެކަމު އޭނާ ވެސް ދެ ފަހަރު ލޯބިވެ ދެ ފަހަރު ކައިވެނ ކުރޭ،" ކަރަން ބުންޏެވެ.

ކަރަން ބުނީ އެއީ އޭނާގެ އުމުރުން އެންމެ 24 އަހަރުގައި ލިޔުނު ފިލްމެއް ކަމަށެވެ. އަދި އޭރު "ލޯތްބަކީ އެކުވެރިކަން" ކަމަށް ގަބޫލު ކުރެވޭ ކަމަށް ކަރަން ބުންޏެވެ.

"އަހަރެން މިހާރު ހިތައް އަރާ އަހަރެން ކީއް ކުރަން ލިޔުނު އެއްޗެސް ބާއޭ. އަދި ކޮން ތާކުންތޯ މިކަހަލަ ޚިޔާލު އަންނަނީ ވެސް،" ކަރަން ބުނެފައިވެ އެވެ.