07 Jun 2011, 13:01
މައްސަލައަކާ ގުޅިގެން ކ. ހިންމަފުށީ ފުލުހުން ރޭ އެ ރަށުން ހައްޔަރުކުރި 18 އަހަރު ނުފުރޭ ކުއްޖަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނެ އެ ރަށުގެ ބަޔަކު ހިންމަފުށީ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ އަޑު ގަދަ ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މައްސަލައަކާ ގުޅިގެން ރޭގެ ވަގުތެއްގައި ހިންމަފުށީ ފުލުހުން އެރަށުން 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރު ކުރުމާ ގުޅިގެން ބަޔަކު ހިންމަފުށީ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވި ކަމަށެވެ.
އެ ކުއްޖާ ހައްޔަރު ކުރީ ކޮން މައްސަލަ އަކާ ގުޅިގެން ކަމެއް ފުލުހުންގެ އެ އޮފިޝަލު ވިދާޅެއްނުވެ އެވެ. ނަމަވެސް ވިދާޅުވީ ތަފާތު މައްސަލަތައް އޭނާ ބެހޭ ގޮތުން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ހިންމަފުށިން މައުލޫމާތު ދިން މީހަކު މިއަދު ބުނީ ފުލުހުން ކުޑަ ފިރިހެން ކުއްޖާ ހައްޔަރު ކުރީ މަގުމަތީ ގައި ޖަހާފައި ހުރި ބައްތިތައް ނިއްވާ ކަމަށް ބުނެ އާންމު ފަރާތަކުން ކުރި ރިޕޯޓަކާ ގުޅިގެން ކަމަށެވެ. ފުލުސް އޮފީސް ދޮށަށް މީހުން އެއްވީ ފުލުހުން އެ ކުއްޖާ ހާޒިރު ކުރި އިރު އަނިޔާ ކުރި ކަމަށް ބުނެ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ކުއްޖާ އަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ އެއް ފުލުހުން ނަށް ރަސްމީކޮށް ހުށަހަޅާފައިނުވާ ކަމަށެވެ. އެފަދަ ކަމެއް އުޅޭނަމަ ރަސްމީ ކޮށް ފުލުހުންނަށް ހުށަހެޅުމުން ބަލާނެ ކަމަށް ވެސް ވިދާޅުވި އެވެ.