05 Oct 2016, 01:41
މާލޭގެ ސަލްޓަން ޕާކް ގޯތި ތެރޭގައި ހުރި ތާރީހީ މިސްކިތް، ކަޅުވަކަރު މިސްކިތް ގދ. ތިނަދުއަށް ބަދަލުކުރަން ނިންމި މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޔުމްނާ މައުމޫން އަނެއްކާވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ޚަބަރަށް ފަހު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޔުމްނާ ރޭ ވިދާޅުވީ ކަޅުވަކަރު މިސްކިތަކީ މާލޭގެ ރައްޔިތުންގެ ހަނދާންތަކާ ގުޅިފައިވާ ތަނެއްކަމުން އެ މިސްކިތް ބަހައްޓަން ޖެހޭނީ މާލޭގައި ކަމަށެވެ.
ޔުމްނާ ވިދާޅުވީ ތަރައްގީ ވާންޖެހޭނީ އަޅުގަނޑުމެންގެ ތަރިކައާއި ތާރީހާއި، އަމިއްލަ ވަންތަކަމާ އެކުގައި ކަމަށެވެ.
"އަޅުގަނޑުމެން ތަރައްގީވާންވާނީ އަޅުގަނޑުމެންގެ އަމިއްލަ ވަންތަ ކަމާ، އަޅުގަނޑުމެންގެ ތާރީހާ އާދަކާދައާއި ސަގާފަތާ، މިހުރިހާ އެއްޗަކާ އެކީގަ. އެ މިސްކިތް އެތާ ހުރިގޮތަށް ބަހައްޓާފަ މިސްކިތް އިތުރަށް އާބާތުރަ ފިލުވާ އެ ދޭންޖެހޭ ފަރުވާތަކެއް ދީގެންވެސް ހަމަ ޕާކު ތަރައްގީ ކުރެވޭނެ،" ޔުމްނާ ވިދާޅުވި އެވެ.
އެކަމުން ކުޑަކުދިންނަށް ދެވޭ މެސެޖާ ދޭތެރޭ ވިސްނާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދަސްކޮށް ދޭންވީ އަޅުގަނޑުމެންގެ ތުއްތު ކުދިންނަށް އަޅުގަނޑުމެންގެ އަމިއްލަ ކާބަފައިންނަށް އިހްތިރާމް ކުރަން. އަޅުގަނޑުމެންގެ ތަރިކައަށް އިހްތިރާމް ކުރަން،" ޔުމްނާ ވިދާޅުވިއެވެ.
ތާރީޚާއި ތަރިކައާއި ބަހަކީ ސިޔާސީ ކޮށްގެން ވާނެ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެކުރިން ވެސް ޔުމްނާ ވަނީ ސޯޝަލް މީޑިއާގައި އެކަމާ ގުޅޭގޮތުން ފާޑުވިދާޅުވެފައެވެ.
އެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިބަހާ ތާރީޚަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުގައި 22 އަހަރު ދުވަހު ހިދުމަތްކުރައްވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ތޯރިގު ވިދާޅުވީ އާސާރީ އެފަދަ ތަންތަން އެއް ތަނުން އަނެއް ތަނަށް ބަދަލު ކުރުމުން އެތަނުގެ އުމުރު ކުރުވެގެން ދާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު ތޯރިގު ސަންގު ޓީވީގެ "ޚަބަރަށްފަހު ޕްރޮގްރާމް" ގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ
އެފަދަ ކަމެއް ކުރާ އިރު އެކަމާބެހޭ ދިރާސާތައްކޮށް އެކަމުގެ ތަޖުރިބާ ހުރި މީހުންނާ ވާހަކަ ދެެއްކުމަށްފަހު މައުލޫމާތު ހޯދައިގެން އެކަން ކުރުމުން އެފަދަ އާސާރީ ތަންތަނަށް ލިބޭ ގެއްލުން ކުޑަވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ހިރިގަލުގެ އެ މިސްކިތް އެތަނުން ރޫޅާލާފަ އެ ގައު ވަކިކޮށްލާފަ ބައިިންދާ ކޮންމެ ފަހަރަކު، ހިއްލާލާ ކޮންމެ ފަހަރަކު އެ ގަލުގެ އުމުރުން އެތައް ގުނައެއް ކުޑަވެގެންދާނެ. އެއަށް ލިބޭ ގެއްލުމެއް ކޮންމެ ފަހަރަކު ލޮލަކަށް ނުފެންނާނެ،" ތޯރިގު ވިދާޅުވިއެވެ.