ދެހާސް ހަތްވަނަ އަހަރު ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ، ލަންކާއަށް ޚާއްސަ ބަޖެޓު އެއާލައިނެއް އުފެއްދެވީ، އެއްބަޔަކު ދެކޭގޮތުގައި ގައުމުގެ ފައިދާއަށެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި، ރާޖަޕަކްސަގެ އަމިއްލަ "ކަލްޓު" ދެމެހެއްޓުމަށް، އަމިއްލަ ފައިދާއަށް، އަމިއްލަ ނަމުން ނަން ވެސް ދެއްވައިގެންނެވެ.

މިކަމުގެ ފަހަތުގައި އޮތީ ކޮން މަގްސަދެއްކަން އެނގިވަޑައިގަންނަވާނީ ލަންކާގެ ކުރީގެ ރައީސް، އަދި ރިޔާސީ ރޭހުން ބަލިވެ، އެއަށް ފަހު ގާނޫނު ހަދާ މަޖިލީހަށް ވާދަކުރައްވައި، އެތަނުގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ މަހިންދަ ރާޖަޕަކްސައަށެވެ. އެ އެއާލައިނު އަގުހެޔޮ ވެފައި، އޭގެ ސަބަބުން ގިނަ ބަޔަކަށް އަތްފޯރާ ފަށެއްގައި ސްރީލަންކާއަށް ދަތުރުކުރެވުނެވެ. ނަމަވެސް ސްރީލަންކާއަށް އެ އެއާލައިނުގެ ފަރާތުން މާލީ ގޮތުން ލިބުނު ފައިދާއެއް، މިދިޔަ އަށް އަހަރު ތެރޭގައި އެއްގޮތަކަށް ވެސް ފެނިފައެއް ނުވެއެވެ.

ދެހާސް ހަތެއްގައި އުފެއްދި މި އެއާލައިނު ފެށީ ދެ އެއާކްރާފްޓާ އެކުގައެވެ. ނަމަވެސް އެ އެއާލައިނުގެ ފްލީޓު ހަތަރަކަށް ބޮޑުކޮށް، 12 މަންޒިލަކަށް ދަތުރުތައް ކުރަން ފެށިއެވެ.

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ -- ފޮޓޯ: އޭޝިއަންޓްރިބިއުން

ކޮރަޕްޝަނާއި، މާލީ ގެއްލުމާއި، ދަރަންޏާއި ބޭކާރު ޚަރަދުގެ ވާހަކަ މިހިން ލަންކާއާ ގުޅުވައިގެން އަބަދާއި އަބަދު ދެކެވެމުން ދެއެވެ. އެހެން އެއާލައިނުތަކުން އަމަލުކުރާ ގޮތާ ޚިލާފަށް މިހިން ލަންކާއިން އަމަލުކުރާ ކަމަށާއި، މިހިން ލަންކާއާ މެދު "ޚާއްސަ ގޮތަކަށް" އަމަލު ކުރެވެމުން ދިޔަ ކަމަށް އެންމެ ކުރީއްސުރެ ގިނަ ބަޔަކު ބުނަމުން ދިޔައެވެ.

އެ އެއާލައިނުގެ ފުރަތަމަ އަހަރު ތެރޭގައި އެކަނިވެސް 21.5 މިލިޔަން ޑޮލަރުގެ ގެއްލުން ދެއްކިއެވެ. އަދި 2008އާ 2009 އާ ދޭތެރޭ އެކުންފުންޏަށް 8.9 މިލިޔަން ޑޮލަރުގެ ގެއްލުން ވިއެވެ.

ލަންކާގެ މީޑިއާގައި ރިޕޯޓު ކުރާ ގޮތުން، މި އަހަރު ފެށުނު އިރު މިހިން ލަންކާގެ މާލީ ގެއްލުމުގެ އަދަދު ހުރީ 17 ބިލިޔަން ލަންކާ ރުޕީސްގައެވެ. އެއީ 116 މިލިޔަން ޑޮލަރެވެ. އެހެން ނަމަވެސް މިވަގުތު މިހިން ލަންކާގެ ދަރަނި އޮތީ 105.6 މިލިޔަން ޑޮލަރުގައެވެ. އަދި ކެޕިޓަލް ޚަރަދަކީ 122.8 މިލިޔަން ޑޮލަރެވެ.

އެހެންކަމުން، ލަންކާ ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި އޮތް މިހިން ލަންކާ އެއާލައިން، މި މަސް ނިމުމުން ހުއްޓާލާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނަޔަކަ، މާލޭގައި އޮތް ހަފްލާއެއްގައި ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނަޔަކަ ވިދާޅުވީ، މިހިން ލަންކާގެ ނަމުގައި އޮތް ކުންފުނި ދެމިއޮންނާނެ ކަމަށާއި އެހެން ނަމަވެސް އެ ކުންފުނީގެ ދަށުން ދެން އެއާލައިން ނުހިންގާނެ ކަމަށެވެ.

ލަންކާ ސަރުކާރުން ނިންމާފައި އޮތީ މިހިން ލަންކާގެ އޮޕަރޭޝަންތައް، ލަންކާގެ ގައުމީ އެއާލައިން ސްރީލަންކަން އެއާލައިންސްގެ ދަށަށް ބަދަލުކުރުމަށެވެ.

މާނައަކީ މިހާރުވެސް ގެއްލުމާއި ދަރަނީގައި ހިންގަމުންދާ ގައުމީ އެއާލައިނުގެ ބޮލުގައި، މިހިން ލަންކާގެ ދަރަނިތައް ވެސް އެޅުމެވެ. ދަރަނީގެ މައްޗަށް ދަރަނިވެރިވީ އެވެ.

"މިހިންގެ ދަރަނިތައް ވެސް [ސްރީލަންކަން އެއާލައިންސްއިން] ނަގަން ޖެހޭނީ. ދަރަނިތައް ނުދެއްކިއްޖެ ނަމަ ދައުލަތުގެ ފަރާތުން ދަރަނިތައް ދައްކަން ޖެހޭނީ. އެވަރަށް އާމްދަނީ ހޯދަން ދައުލަތުން ޖެހޭނީ ޓެކްސް އިތުރަށް ނަގަން ނުވަތަ ޚަރަދުތައް ކުޑަކުރަން،" ލަންކާގެ ފިނޭންސް މިނިސްޓަރު، ރަވީ ކަރުނާނަޔަކަ ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވިއެވެ.

ސްރީލަންކަން އެއާލައިންގެ ފްލައިޓެއް--

ސްރީލަންކާގެ މީޑިއާއާ ވާހަކަ ދައްކަވަމުން، ސްރީލަންކަން އެއާލައިންސްގެ ތަރުޖަމާނު ދީޕަލް ޕެރޭރާ ވިދާޅުވީ، އޮކްޓޫބަރު 30 ވަނަ ދުވަހުން ފެށިގެން މިހިން ލަންކާ، ސްރީލަންކަން އެއާލައިންސްއާ އެކުވާނެ ކަމަށާއި، މިހިން ލަންކާއިން ދަތުރުކުރަމުން ދިޔަ މަންޒިލުތަކަށް ސްރީލަންކަން އެއާލައިންސްއިން ފުރިހަމައަށް ޚިދުމަތް ދެމުން ގެންދާނެ ކަމަށެވެ.

މިހިން ލަންކާއިން މިވަގުތު ދަތުރުކުރާ މަންޒިލުތަކަކީ ރާއްޖޭގެ ވެރިރަށް މާލެ، ބަންގްލަދޭޝްގެ ދާކާ، ބަހްރައިން، އިންޑިއާގެ ޗެންނާއީ، ކޮލްކަޓާ، މަޑޫރާއި، އިންޑޮނޭޝިއާގެ ޖަކާޓާ، އޮމާންގެ މަސްކަޓް، ސީޝެލްސްގެ މާހޭ އަދި އެއާލައިންގެ މައި ހަބް، ކޮލޮމްބޯއެވެ. މީގެ އިތުރުން އިންޑިއާގެ ގާޔާއާއި ވަރަނާސީއަށް މިހިންއިން ސީޒަނަލް ފްލައިޓުތައް ބާއްވަމުން އައެވެ.

އެ އެއާލައިނުން މީގެ ކުރިން ދަތުރުކޮށް، ނަމަވެސް މިހާރު ދަތުރުތައް ހުއްޓާލާފައިވާ މަންޒިލުތަކުގެ ތެރޭގައި އިންޑިއާގެ ތިރުވަނަންތަޕޫރަމް، އިންޑޮނޭޝިއާގެ މެދާން، ކުވައިތު، ޕާކިސްތާނުގެ ލާހޫރު، ސިންގަޕޫރު، ތައިލެންޑްގެ ބެންގްކޮކް އަދި ޔޫއޭއީގެ އަބޫދާބީ، ދުބާއީ އަދި ޝަރުޖާހު ހިމެނެއެވެ.

އަދި ސްރީލަންކާގެ ދެކުނުގައި ރާޖަޕަކްސަ އަޅައިދެއްވި މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް މިހިން ލަންކާއިން މިދިޔަ އަހަރު ވަނީ ދަތުރުކުރުން ހުއްޓާލާފައެވެ.

މިހިން ލަންކާގެ އޮޕަރޭޝަންތައް މުޅިން ހުއްޓާލުމާ ދިމާލަށް ދާ އިރު، އެ އެއާލައިންގެ ފްލީޓުގައި އޮތީ ހަތަރު އެއާކްރާފްޓެވެ. އެއީ އެއާބަސް އޭ321ގެ ދެ ބޯޓާއި، އެއާބަސް އޭ320ގެ ބޯޓަކާއި އެއާބަސް އޭ319ގެ ބޯޓެކެވެ.