މާލެއިން ހދ. މަކުނުދޫ އަށް ދިޔަ ބޯޓަކުން އެރަށަށް ގެންދިޔަ މަސްތުވާތަކެއްޗާ ހަވާލުވި މީހަކު 50،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއެކު 10 އަހަރަށް ޖަލަށްލުމަށް މަކުނުދޫ ކޯޓުން ހުކުމް ކޮށްފިއެވެ.

އެ ހުކުމް އިއްވާފައި ވަނީ ހދ. މަކުނުދޫ، އޯޝަންލީޑް އުމުރުން 27 އަހަރުގެ އަޙްމަދު ސުހައިލްގެ މައްޗަށެވެ.

އޭނާގެ މައްޗަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ކުރި ހުކުމްގައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހުގެ ހެދުނު 10:23 ހާއިރު މާލެއިން މަކުނުދޫއަށް ދިޔަ ބޯޓަކުން ގެނައި ދެ ފޮށިގަނޑު ހިފައިގެން ދަނިކޮށް ފުލުހުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު އެނާ ހިފައިގެން ދިޔަ ދެ ފޮށިގަނޑު ތެރެއިން މަސްތުވާތަކެތި ހުރި 103 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

އެ ހުކުމްގައި ވަނީ ސުހައިލަށް އެ މަސްތުވާތަކެތި ލިބުނުގޮތް އޭނާ އަށް ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި އެ ކޯޓަށް ދައްކައި ޚަލާސް ކުރުމަށް މަކުނުދޫ ކޯޓުން ވަނީ އޭނާ އަށް އަންގައިފައެވެ.