04 Oct 2016, 21:27
ސައުދީ ރަސްގެފާނުގެ ދައުވަތަކަށް އެގައުމަށް އިއްޔެ ވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސައުދީގެ ފޮރިން މިނިސްޓަރު ޢާދިލް އާލް ޖުބެއިރާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއަދު ރިޔާޟްގެ ކިންގް ސަޢުދު ގެސްޓް ޕެލެސްގައި ސައުދީގެ ފޮރިން މިނިސްޓަރާ ރައީސް ޔާމީން ބައްދަލުކުރައްވާފައިވާއިރު އެ ބައްދަލުކުރެއްވުމުގައި ބައިނަލްއަގްވާމީ މުހިންމު އެކިއެކި މައްސަލަތަކާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
އެގޮތުން ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކާ ނައްތައިލުމުގައި ރާއްޖެއާއި ސައުދީ އަރަބިއްޔާއިން ސާބިތުކަމާއެކު މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީނާއި، ސައޫދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ދެއްވާފައިވެ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވަމުންދާ އެކިއެކި މައްސަލަތައް ހައްލުކުރުމުގައި ރާއްޖެއާއި ސައޫދީއިން އެއްގައުމު އަނެއް ގައުމަށް އެއްބާރުލުން ދިނުމަށްވެސް ވާހަކަ ދައްކަވާފައިވެއެވެ.
ރައީސް ޔާމީން ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ސަލްމާން ރަސްގެފާނާވެސް ބައްދަލު ކުރައްވާފައެވެ.