ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ވަސީލަތްތައް ތަރައްގީ ކުރުމަށް އެހީތެރިވެދޭނެ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ސައުދީއަށް ވަޑައިގެން އުޅުއްވާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވަނީ ސައުދީގެ އިސްލާމިކް އެފެއާޒް، އައުގާފް އަދި ދަޢްވާއާ ބެހޭ މިނިސްޓަރު ޝައިޚް ސޯލިހު ބިން އަބްދުލްއަޒީޒާ ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި، ދެބޭފުޅުންވެސް ވަނީ ދެގައުމުގެ އިސްލާމީ މުއައްސަސާތަކުގެ ގުޅުން ބަދަހިކުރުމުގެ މައްޗަށް ވާހަކަ ދައްކަވައިފައެވެ.

ސައުދީގެ އިސްލާމިކް މިނިސްޓަރު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. އެގޮތުން އެތަނަށް މިވަގުތު ބޭނުންވާ ވަސީލަތްތަކަކީ ކޮބައިތޯ، ސައުދީގެ އިސްލާމިކް މިނިސްޓަރު ބެއްލެވިއެވެ.

އަދި އިސްލާމީ ޔުނިވާސިޓީއަށް ވަސީލަތްތައް ފޯރުކޮށްދީ، އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ސައުދީގެ އިސްލާމިކް މިނިސްޓަރު ވަނީ ވައުދުވެވަޑައިގެންފައެވެ.

ރައީސް ޔާމީން ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އެގައުމުގެ އިސްލާމިް މިނިސްޓަރުގެ އިތުރުން ފޮރިން މިނިސްޓަރު، އެންވާރަމެންޓް އެންޑް އެގްރިކަލްޗާ މިނިސްޓަރު، އެޑިއުކޭޝަން މިނިސްޓަރު އަދި ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓުގެ ޗެއާމަންއާ ބައްދަލު ކުރައްވައިފައެވެ.

މީގެ އިތުރުން ރައީސް ޔާމީން މިއަދު ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާ ބައްދަލުކުރައްވައި، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ ދައުވަތު ދެއްވައިފައެވެ.