ސ. ހިތަދޫގައި ރޭ ހިނގި އެކްސިޑެންޓް ގައި އަނިޔާވި ޒުވާނާ މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

އައިޖީއެމްއެޗުން ބުނީ ރޭ ހިތަދޫ ގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އެރަށު ގޯލްފް، ހުސެއިން މުހުސިން 19، އަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެކްސިޑެންޓަށް ފަހު ހޭ ނާރާ އޮތް މުހުސިނާ ބެހޭ އިތުރު ތަފްސީލެއް ހޮސްޕިޓަލަކުން ނުދެ އެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު މުހުސިނު މާލެ ފޮނުވާލީ ރޭ މެންދަމު އެވެ.

ރޭ 10:00 ޖަހާ އެކަންހާއިރު ހިތަދޫ ކުރީގެ ކޮމްޕްރެހެންސިވް ސްކޫލް ކައިރިން ލިންކް ރޯޑުގައި ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް އެކްސިޑެންޓްވީ އެ މަގު ކޮނުމަށް ފަހު އެއްކޮށްފައި ހުރި ފަސް ފުންޏެއްގައި ޖެހި ސައިކަލާ އެކު ވިއްސައިގެން ގޮސް ކަމަށްވެ އެވެ. އެކްސިޑެންޓުގައި މުހުސިނު ދުރަށް ވިއްސައިގެން ގޮސް ޖެހުމާއެކު ބޯ ފެޅި، އެނާގެ ސިކުނޑިއަށް ލޭފޭދިފައި ކަމަށް ވެސް ވެއެވެ.

އެކްސިޑެންޓްގެ މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އެކްސިޑެންޓްވީ ވަގުތު މުހުސިނު ވިއްސައިގެން ގޮސް އެ ސަރަހައްދުގައި ހުންނަ އިންޖީނުގޭގެ ފާރުގައި ޖެހި މަގުމައްޗަށް ވެއްޓުނު ކަމަށާއި އޭރު އޭނާގެ ބޮލުން ގިނަ އަދަދަކަށް ލޭފައިބަމުން ދިޔަ ކަމަށެވެ.