04 Oct 2016, 20:42
ސައުދީ އަރަބިއްޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު މިއަދު މަރުހަބާ ދަންނަވައިފިއެވެ.
ސަލްމާން ރަސްގެފާނު، ރައީސް ޔާމީނަށް މަރުހަބާ ދެންނެވީ، މިއަދު މެންދުރު އެމަނިކުފާނުގެ ޝާހީ ގަނޑުވަރުކޮޅަށް ރައީސް ޔާމީން ވަޑައިގެންނެވުމުންނެވެ.
ރައީސް ޔާމީން ވަނީ ރޯޔަލް ގާޑު އިންސްޕެކްޓު ކޮށްދެއްވާފައެވެ.
އެއަށްފަހު، ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވަފުދުގެ ބޭފުޅުން ސަލްމާން ރަސްގެފާނަށް ތައާރަފު ކުރައްވައިފައެވެ. އަދި ރަސްގެފާނު ވެސް، ސައުދީ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ރައީސް ޔާމީނަށް ތައާރަފު ކޮށްދެއްވިއެވެ.
ރައީސް ޔާމީންގެ ޝަރަފުގައި ސައުދީ ރަސްގެފާނު މިއަދު ވަނީ ޖާފަތެއް ބާއްވަވައިފައެވެ. މި ޖާފަތް އޮތީ މިއަދު މެންދުރުއެވެ. ޖާފަތުގައި ސައުދީ ޝާހީ އާއިލާގެ ބޭފުޅުންނާއި ސަރުކާރުގެ އިސްވެރިންނާއި، ދިވެހި ސަރުކާރުގެ ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ސައުދީއަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ އެގައުމުގެ ގިނަ ވުޒާރާތަކުގެ ވަޒީރުންނާ ބައްދަލުކުރައްވައިފައެވެ. އެގޮތުން އެގައުމުގެ އެޑިއުކޭޝަން މިނިސްޓަރާއި، ތިމާވެއްޓާ ދަނޑުވެރިކަމާ ބެހޭ މިނިސްޓަރުގެ އިތުރުން ސައުދީ ފަންޑު ފޯރ ޑިވެލޮޕްމެންޓުގެ ޗެއާމަނާ ރައީސް ޔާމީން ބައްދަލުކުރެއްވިއެވެ.
މީގެ އިތުރުން އެގައުމުގެ ފޮރިން މިނިސްޓަރާއި އިސްލާމިކް އެފެއާޒް މިނިސްޓަރާ ވެސް ރައީސް ޔާމީން ބައްދަލުކުރެއްވިއެވެ.