04 Oct 2016, 19:31
ބްރޯޑްކާސްޓަރުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމަށާއި އެ ދާއިރާގެ ތަރައްގީއަށް މަގުފަހި ކުރުމަށް އަންނަ އަހަރުން ފެށިގެން ބްރޯޑްކާސްޓް އެވޯޑު ދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފިއެވެ.
ބްރޯޑްކާސްޓް އެވޯޑް ދިނުމަށް ބްރޯޑްކޮމް އިން ވަނީ ދާއިރާ ތަކެއް ކަނޑައަޅާފައެވެ. އެ ގޮތުން ކަނޑައަޅާފައިވާ ދާއިރާތަކަކީ:
ޕްރޮޑަކްޝަން އެވޯޑުތައް (ޓީވީ، ރޭޑިއޯ)
އެންމެ މޮޅު ޚަބަރާއި ކަރަންޓް އެފެއާޒް ޕްރޮގްރާމް
- އެންމެ މޮޅު ޑޮކިއުމެންޓްރީ ޕްރޮގްރާމް
- އެންމެ މޮޅު މުނިފޫހި ފިލުވުމުގެ ޕްރޮގްރާމް އަދި
- މެދުނުކެނޑި އެންމެ ގިނަ ދުވަހު ފޮނުވި ޕްރޮގްރާމް، މިއެވެ.
އެ އެވޯޑްތައް ހާސިލްކުރާ ފަރާތްތަކަށް ޓްރޮފީއާއި ހަނދާނީ ލިޔުން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.
އެ އެވޯޑުތަކުގެ އިތުރުން 2017 ވަނަ އަހަރަށް ކަނޑައަޅާފައިވާ ތީމަށް ހަދާ ޕްރޮގްރާމުތަކުގެ ތެރެއިން އެންމެ މޮޅު ޕްރޮގްރާމަކަށް އެވޯޑު ދިނުމަށް ނިންމާފައިވެއެވެ. އަދި އަހަރުގެ ބްރޯޑްކާސްޓިން ޗެނަލަށާއި އެންމެ މަގުބޫލު ޕްރެޒެންޓަރަށް އެވޯޑު ދިނުމަށް ބްރޯޑްކޮމް އިން ނިންމާފައިވެއެވެ.
ބްރޯޑްކޮމް އިން 2017 ވަނަ އަހަރަށް ކަނޑައަޅާފައިވާ ތީމަކ،ީ "ކުޑަކުދިންގެ ހައްގުތަށް ހިމާޔަތް ކުރުން – ކޮންމެ މީހެއްގެވެސް ޒިންމާއެއް" މިއެވެ.
ބްރޯޑްކޮމް އިން ބުނީ އެ އެވޯޑުތައް ހާސިލްކުރާ ފަރާތްތަކަށް ޓްރޮފީއާއި ހަނދާނީ ލިޔުމުގެ އިތުރަށް ފައިސާގެ އިނާމު ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.
އެ އެވޯޑުތައް ދިނުމަށް ހަމަޖެހިފައިވާކަން ބްރޯޑްކޮމް އިން އިއުލާނުކޮށްފައިވަނީ މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބެވެ.
މިއަދުގެ ބައްދަލުވުމުގައި ބްރޯޑްކާސްޓިން ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތަކަށް އަންނަ އަހަރުން ފެށިގެން އެވޯޑުދޭން ނިންމާފައިވާކަމަށް ޝަހީބު ވިދާޅުވިއެވެ.
އެ އެވޯޑު ތަކަށް ހުށަހަޅާ އެންޓްރީއަކީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން 11 ޖުލައި 2017 ތެރޭ ބްރޯޑްކާސްޓްކޮށްފައިވާ ޑޮކިއުމެންޓްރީއެއް ކަމުގައިވާންޖެހޭކަމަށާއި، އެ އެވޯޑްތަކުގެ ކްރައިޓީރިއާގެ ތަފްސީލު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.