އިންޑިއާގެ ނިއުދިއްލީގައި ކުރިޔަށްދާ އައިޓީބީ އިންޑިއާ ނުވަތަ ބާރަތު އިންޓަނޭޝަނަލް ޓްރެވަލް ބަޒާރު (ބީއައިޓީބީ)ގައި މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ބައިވެރިވެއްޖެއެވެ.

އައިޓީބީ އިންޑިއާ ނުވަތަ ބީއައިޓީބީއަކީ ޖަރުމަނުގައި ކޮންމެ އަހަރަކުވެސް ބާއްވާ އައިޓީބީ ބާލިން ފެއާއާ ގުޅިގެން، އެ ކޮންސެޕްޓަށް އިންޑިއާގައި ބާއްވާ ޓްރެވަލް ފެއާއެކެވެ. މިއީ އައިޓީބީ އިންޑިއާ ފެއާ ބާއްވާ ފުރަތަމަ ފަހަރެވެ.

އައިޓީބީ އިންޑިއާ ކުރިޔަށް ދަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައެވެ. މި ފެއާ މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެ އެވެ.

މަޓާޓޯއިން ބުނާ ގޮތުގައި، އެޖަމިއްޔާއާ އެކު ރާއްޖޭގެ 11 ކުންފުންނާކާއި ރިސޯޓަކުން އައިޓީބީ އިންޑިއާގައި ބައިވެރިވަމުން ދެއެވެ. އެއީ އަމިއްލަފުށި، ކޮކޫން މޯލްޑިވްސް، ޑްރީމްސް އެރީނާ، ފުރާވެރި އައިލެންޑް ރިސޯޓު، އައިޓީއޭޑަބްލިއު ޓްރެވަލްސް އެންޑް ޓުއާސް، ލޯކަލް އައިލެންޑް އިން، މެގަ މޯލްޑިވްސް އެއާލައިންސް، ސީޒަން ޕެރެޑައިޒް، ސަމަރ އައިލެންޑް މޯލޤޑިވްސް، ޓްރެވެލާ ސްޓްރީޓް އަދި ސޮނޭވާއެވެ.

މަޓާޓޯއިން ބުނީ އިންޑިއާއަކީ ދުނިޔޭގައި އެންމެ ހަލުއިކޮށް ކުރިއަރަމުން އަންނަ އެއް ޓްރެވަލް މާކެޓު ކަމަށާއި، މަޓާޓޯއިން އިންޑިއާގެ ޓްރެވަލް ޝޯތަކުގައި، އެޖަމިއްޔާގެ ޕާޓްނަރުންނާއި މެމްބަރުންނާ އެކު ބައިވެރިވަމުން އަންނާނެ ކަމަށެވެ.

އައިޓީބީ އިންޑިއާ ކުރިޔަށް ދަނީ ނިއުދިއްލީގެ ޕްރަގާތީ މައިދާންގައެވެ. މި މައުރަޒުގައި 500 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ.