04 Oct 2016, 18:04
ސިވިލް ސާވިސްގެ އިދާރާތަކުގެ މުވައްޒަފުން ޕަބްލިކް ޕްރޮކިއުމެންޓް ދާއިރާއިން ތަމްރީނު ކުރުމަށް ސިވިލް ސާވިސް އިންސްޓިޓިއުޓުންވޯލްޑް ބޭންކް ގްރޫޕާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސިވިލް ސާވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ފައިޒަލެވެ. އަދި ވޯލްޑް ބޭންކް ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެ ގްރޫޕުގެ ކޮލޮމްބޯ އޮފީހުގެ ސީނިއާ ޕްރޮކިއުމެންޓް ސްޕެޝިއަލިސްޓް އާސިފް އަލީއެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ސިވިލް ސާވިސްގެ އިދާރާތަކުގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ. ރާއްޖޭގައި ޕަބްލިކް ޕްރޮކިއުމެންޓް ދާއިރާއިން މީހުން ތަމްރީނު ކުރުމަށް އޮންލައިންކޮށް ކުރިއަށް ގެންދާ ފުރަތަމަ ޕްރޮގްރާމު ފެށުމަށް ހަމަޖެހިފައިވަނީ ސެޓްފިކެޓް ލެވެލްގައެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމު ވިދާޅުވީ އެ ޕްރޮގްރާމް ސެޓްފިކެޓް ލެވެލްގައި ފެށި ނަމަވެސް ކުރިއަށް އޮތްތަނުގައި ޑިޕްލޮމާ އަދި އެއަށްވުރެ މަތީ ފެންވަރުގައި އެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވޯލްޑް ބޭންކް ގްރޫޕްގެ ކޮލޮމްބޯ އޮފީހުގެ ސީނިއާ ޕްރޮކިއުމެންޓް ސްޕެޝިއަލިސްޓް އާސިފް އަލީ ވިދާޅުވީ ވޯލްޑް ބޭންކް ގްރޫޕުން 2014 ވަނަ އަހަރު އެ ޕްރޮގްރާމް ފެށިފަހުން 50،000 ފަރާތަކުން ބައިވެރިވެ ޕްރޮގްރާމު ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 55 ޕަސެންޓަކީ ޕްރައިވެޓް ސެކްޓަރަށް ނިސްބަތްވާ ފަރާތްތައްކަންވެސް އާސިފްގެ ވާހަަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.
ސިވިލް ސާވިސް ޓްރެއިނިންގް އިންސްޓިޓިއުޓުން އަންނަނީ އެ ޕްރޮގްރާމް އަންނަ ނޮވެމްބަރު މަހު ފެށުމަށް ތައްޔާރުވަމުންނެވެ.