04 Oct 2016, 17:14
ވިއެޓްނާމް ބޯޓު ފުވަައްމުލަކު ފަރަށް އެރުމުން އެ ފަރަށް ލިބުނު ގެއްލުމުގެ އެންމެ ބޮޑު އަދަދަކަށް 634 މިލިއަން ހުށަހަޅާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދަޅުވެއްޖެ އެވެ.
ވިއެޓްނާމުގެ ސަރުކާރުގައި ރެޖިސްޓްރީ ކޮށްފައިވާ އެ ބޯޓު މިމަހުގެ އެއްވަނަ ދުވަހު ވަނީ ރާއްޖޭގެ ސަރަހައްދުން ބޭއްރަށް ގެންގޮސް އިންޑިއާ ކަނޑަށް ފައްތާލާފައެވެ.
ނާފިޒް މިއަދު 'ސަން' އަށް ވިދާޅުވީ، ފަރަށް ލިބުނު ގެއްލުމުގެ ސީދާ އަގު އަދި ކަނޑައެޅިފައި ނުވާ ކަމަށެވެ. ނަމަވެސް ގެއްލުމުގެ ބަދަލަށް އަރާނެ އެންމެ ބޮޑު އަގަކީ 633،733،500 ރުފިޔާ ކަމަށް ނާފިޒް ވިދާޅުވި އެވެ. އަދި އެ އަގާމެދު ދިވެހި ސަރުކާރާ ވިއެޓްނާމްގެ ސަރުކާރާ ދެމެދު މަޝްވަރާ ކުރެވި ސީދާ އަގު ކަނޑައެޅިގެންދާނެ ކަމަށް ނާފިޒް ވިދާޅުވި އެވެ.
ބޯޓު ކަނޑަށް ފެތުނު ކަމަށް ބުނެ ޓްރާންސްޕޯޓް އޮތޯރިޓީއަށް ސެންޗޫރިއަން ޓްރާންސްޕޯޓް ސޮލިއުޝަނުން ވަނީ ރިޕޯޓްކޮށްފައެވެ. ނާފިޒް ވިދާޅުވީ، ވިއެޓްނާމް ސަރުކާރަށް ދިވެހި ސަރުކާރާއި، ކަމާ ބެހޭ އިދާރާތަކުން ހުއްދަ ދިނީ ރާއްޖޭން ބޭރުން އެންމެ ކައިރިން ބޯޓު ގެންދެވޭ ފަޅަކަށް ގެންގޮސް މަރާމާތު ކުރުމަަށް ކަމަށެވެ.
ރާއްޖޭގެ ސަރަހައްދުން ބޯޓު ބޭރަށް ނެރެ މިމަހުގެ އެއް ވަނަ ދުވަހުގެ ރޭ 22:40ގައި އިންޑިއާ ކަނޑުގެ 4000 މީޓަރުގެ އަޑިއަށް ބޯޓު ފައްތާލާފައިވާކަމަށް ސެންޗޫރިއަން ޓްރާންސްޕޯޓް ސޮލިއުޝަންގެ ޗެއާމަން އަހުމަދު މައުމޫނު މިއަދު 'ސަން' އަށް ވިދާޅުވި އެވެ.
ބޯޓުގެ ފަޅުވެރިން އަދި ތިބީ ރާއްޖޭގައެވެ. އެމީހުންނަށް ރާއްޖޭން ފުރޭނީ ސަރުކާރުން ހުށަހަޅާ ޖޫރިމަނާގެ އަދަދު ކަނޑައެޅުމުން އެ ޖޫރިމަނާ ދެއްކުމަށް ފަހު ކަމަށް ނާފިޒު ވިދާޅުވި އެވެ.
"އެމްވީ އެންޖީއޯސީ ސަން" ފުންކޮށްފައި ވަނީ ސިންގަޕޫރުގެ ސެލްވޭޖު ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. ބޯޓު ފުންކުރި އިރު ބޯޓުގެ ބޮޑު ބަޔަކުން ފޫ ގޮސްފައިވާތީ ފެންމަތީގައި ހިފެހެއްޓީ ޕަންޕު ޖައްސައިގެންނެވެ.