އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުން ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު އެޕާޓީން ހުޅުވާލައިފި އެވެ.

ޖޭޕީން ބުނީ، ކައުންސިލް އިންތިހާބުގައި ބައިވެރިވާނެ ވަކި އަދަދެއް ނިންމާފައިނުވާ ކަމަށާއި މެމްބަރުންގެ ޝައުގުވެރިކަން ހުންނަ ދާއިރާތަކުގައި ޖޭޕީން ވާދަކުރާނެ ކަމަށް އެ ޕާޓީން މިއަދު ނެރުނު އިއުލާނެއްގައި ބުންޏެވެ. އަދި ޕްރައިމަރީގައި ބައިވެރިވާން ވަކި ހާއްސަ ޝަރުތުތަކެއް ކަނޑައަޅާފައިނުވާނެ ކަމަށާއި ނަމަވެސް ޕާޓީގައި ރަޖިސްޓްރީވެފައިވާ މެމްބަރުންނަށް ވާން ޖެހޭނެ ކަމަށް އެ ޕާޓީން ބުންޏެވެ.

ޖޭޕީގެ އިއުލާނެއްގައި ބުނީ، އެޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މީހުން ބޭނުންވާ ދާއިރާއަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރު 14:30 ކުރިން ޕާޓީގެ އޮފީސް މ. ކުނޫޒް އަށް ހުށަހަޅަންއެދޭ ކަމަށެވެ.

ޖޭޕީން ވަނީ ދެހާސް އަށާރަ ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ވެސް ނިންމަވާފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 14ވަނަ ދުވަހު އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖެ އިން ބޭރުގައި އެއްވެސް ވޯޓު ފޮއްޓެއް މިފަހަރު ނުބަހައްޓާނެ ކަމަށެވެ.