07 Jun 2011, 11:53
ސާފުތާރިކަން ކުޑަވެގެން ހާބަރު މަޝްހޫރު އެއް ނަމްބަރު ކަޑަ، "އެކްސް ފްރެޝް" އާއި "ބާޒާރު ކެފޭ" މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީ )އެމްއެެފްޑީއޭ( އިން ބަންދުކޮށްފި އެވެ.
އެމްއެފްޑީއޭގެ ސައިންޓިފިކް އޮފިސަރު ޝާޖިދާ މުހައްމަދު މިއަދު ވިދާޅުވީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމުގެ ގޮތުން އެ އެތޯރިޓީން މި މަހު ފަށާފައިވާ ހާއްސަ އޮޕަރޭޝަންގެ ދަށުން އިއްޔެ ދެ ތަނެއް ބަލާ ފާސްކުރުމަށްފަހު ތަޅު އަޅުވާފައިވާ ކަމަށެވެ. އެ ދެ ތަނަކީ ހާބަރު ސަރަހައްދުގައި ހުންނަ މަޝްހޫރު އެއް ނަމްބަރު ކަޑަ، "އެކްސް ފްރެޝް" އާއި އެސްޓީއޯ ޕީޕަލް ޗޮއިސްގެ ފުރަގަހުގައި ހުންނަ "ބާޒާރު ކެފޭ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝާޖިދާ ވިދާޅުވި ގޮތުގައި އެކްސް ފްރެޝް ބަންދުކުރަން ޖެހުނީ އެތަނުގެ އާއްމު ސާފުތާހިރުކަން ކުޑަވުމުގެ އިތުރުން، ވަރަށް ގިނަ އެހެން މައްސަލަތަކެއް ވެސް އެތަނުގެ ތެރެއިން ފެނިގެނެވެ. އަދި ކާބޯތަކެތީގެ ހިދުމަތް ދިނުމަށް އެ ކެފޭއަށް އެ އޮތޯރިޓީން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އެތަނުގައި )އެކްސް ފްރެޝް( ގައި އާއްމު ސާފު ތާހިރުކަން ކުޑަވުމުގެ އިތުރުން ވެސް ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި، އެގޭތެރޭގައި ކާބޯތަކެތި އެންމެ ރައްކާތެރި ސާފު ގޮތުގައި ބޭނުންނުކުރުމާއި، ތަނުގެ މުވައްޒަފުންގެ ސާފުތާހިރުކަން ކުޑަވުން ހިމެނޭ،" ޝާޖިދާ ވިދާޅުވި އެވެ.
އެކްސް ފްރެޝް ކެފޭގެ ވެރިޔާ އަލީ މޫސާ (އަލިބެ) މިއަދު ވިދާޅުވީ އެމްއެފްޑީއޭ އިން ރަނގަޅު ކުރުމަށް ހުށަހަޅި ކަންތައްތައް ރަނގަޅު ކުރުމަށްފަހު އަލުން ހުއްދައަށް އެދޭނެ ކަމަށެވެ.
މީގެ އިތުރުން އިއްޔެ ބަންދުކުރި އަނެއް ތަނަކީ "ބާޒާރު ކެފޭ" އެވެ. އެތަން ބަންދުކުރަންޖެހުނީ ވެސް ތަނުގެ އާއްމު ސަފުތާހިރުކަން ވަރަށް ބޮޑަށް ކުޑަވެ، އިމާރާތް ބާވެ، އެތަނުގެ ތެރޭގައި ކާބޯތަކެތި ހަދަމުންދާ ކަމުގައިވާނަމަ އެ ކާބޯތަކެތިން ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ވެސް ޝާޖިދާ ވިދާޅުވި އެވެ.
"އެކެފޭ، )ބާޒާރު ކެފޭ( ގެ އިމާރާތް ވެސް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި، އަދި އެތަންތަން މަރާމާތުނުކޮށް ކާބޯތަކެތި ހަދައިފިނަމަ ކާބޯތަކެއްޗަށް ނުރައްކަލެއް ފޯރާނެ ކަމަށް ބެލެވެނީ، އޭގެ އިތުރު ތަނުގެ ތެރެއިން ކުރަފި ފެނުން ވެސް ބަންދުކުރަންޖެހުނު ސަބަބުތަކުގެ ތެރޭގައި ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
"ބާޒާރު ކެފޭ" ގެ ވެރިޔާ މުހައްމަދު ޒާހިރު މިއަދު ވިދާޅުވީ ކެފޭ ބަންދުކުރީ ތަނުގެ ސްޓްރަކްޗަރަލް މައްސަލަތައް ހުރެގެން ކަމަށާއި އެކަންތައްތައް ރަނގަޅު ކުރުމަށްފަހު ވަރަށް އަވަހަށް އަލުން ހުއްދައަށް އެދޭނެ ކަމަށެވެ. ނަމަވެސް ތަނުގެ އާއްމު ސާފުތާރިކަން ކުޑަ ކަމަށް އެމްއެފްޑީއޭ އިން އެބުނާ ވާހަކަތައް އޭނާ ދޮގު ކުރެއްވި އެވެ.
ފުޑް އެންޑް ގްރަގް އެތޯރިޓީން މިހާރު ކުރިއަށް ގެންދާ އިންސްޕެކްޝަންގައި މިހާތަނަށް 58 ތަނެއް ބަލާ ފާސްކޮށްފައިވާއިރު މީދަލުގެ ނަޖިސް ފެނިގެން މީގެކުރިން ބަންދުކުރި ބުރުޒު ކޭޓަރިން ސާވިސަސް އާއި ސަބްނަމް ކެފޭއިން އެކަންތައްތައް ރަނގަޅު ކުރުމަށްފަހު އަލުން ހުއްދައަށް އެދިފައިވާ ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.