ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އަންނަ ބުރާސްފަތި ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

ރައްޔިތުން މަޖިލީހުގެ މެމްބަރަކު "ސަން"އަށް މިއަދު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަން މިހާރު މެމްބަރުންނަށް ވެސް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 17 ވަނަ ދުވަހު އެވެ. އޭގެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ނުވާއިރު މަޖިލިސް ޗުއްޓީއަށް ދިޔަކަން މަޖިލީހުގެ ރިޔާސަތުން ހާމަކޮށްފައެއް ނުވެ އެވެ. މަޖިލިސް ގަވާއިދު ބުނާ ގޮތުން ވެސް އޮގަސްޓު މަހަކީ މަޖިލިސް ޗުއްޓީއަށް ދާ މަހެވެ.

އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު މަޖިލިސް އަންނަ ބުރާސްފަތި ދުވަހު ފަށާއިރު، މި ދައުރުގައި ބޮޑަށް އޮންނާނީ އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާ ބަޖެޓާއި ގުޅުންހުރި މަސައްކަތް ކުރިއަށް ގެންދިއުމެވެ. އަދި މިއީ މަޖިލީހުގެ ފަހު ދައުރު ކަމުން މި އަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުނު ކަންކަން ނިންމުމަށް ވެސް މަޖިލީހުގެ އެކި ކޮމެޓީތަކުން އަމާޒު ހިފާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 16 ވަނަ މާއްދާގައި ބުނެފައި ވަނީ މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކަމަށެވެ. ދެ ވަނަ ދައުރު ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓު މަހުގެ ނިޔަލަށް ކުރިއަށްދާއިރު ތިންވަނަ ދައުރު އަދި އެންމެ ފަހު ދައުރު ހިނގާނީ އޮކްޓޯބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

އަށާރަވަނަ ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމާ މަޖިލިސް ޗުއްޓީއަށް ދިޔައިރު މި ދައުރުގައި މަޖިލީހުން ފާސްކުރި މުހިއްމު ބައެއް ބިލުތަކުގެ ތެރޭގައި އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލާއި ޖިންސީ ތަފާތު ކުރުންތައް ނައްތާލުމުގެ ގޮތުން މަޖިލީހުން ފާސްކުރި ޖެންޑާ އީކުއަލިޓީ ބިލާއި ހުއްދަ ނަގައިގެން ނޫނީ މުޒާހަރާ ނުކުރެވޭ ގޮތަށް އެއްވެ އުޅުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ހިމެނެ އެވެ.