އާންމުކޮށް ކެއިން ބުއިމުއިމުގައި ބޭނުންކުރާ ކާޑުގެ ބާވަތްތައް ވިއްކުމުގައި ކޮންޓުރޯލް އަގެއް ނުގެންގުޅެ އަގު ބޮޑުކޮށް ވިއްކާ މައްސަލަ ފެންމަތިވެއްޖެ އެވެ.

ސަރުކާރުން ނިންމާފައި ވަނީ މިމަހުން ފެށިގެން ޒަމާންނުންސުރެ ރާއްޖޭގައި އެންމެނަށް ދެމުން އައި ކާޑުގެ ސަބްސިޑީ ހަމައެކަނި ނިކަމެތިންނަށް ދިނުމަށެވެ. ނަމަވެސް ކާޑުގެ ބާވަތްތައް ވިއްކުމަށް ހުއްދަދީފައި ވަނީ ސަރުކާރުން ހުއްދަދީފައިވާ އަގެއްގަ އެވެ.

އެއުސޫލް އެގޮތަށް އޮތްނަމަވެސް އެއަށް އަމަލު ނުކުރާ ވިޔަފާރިތައް ގިނަ އެވެ. އެގޮތުން 7.96 ރުފިޔާ އަށް ވިއްކަން ހުއްދަދިން ހަނޑޫ ކިލޯއެއް ނުވަ ރުފިޔާއަށް އަދި 10 ރުފިޔާއަށް އެބަވިއްކަ އެވެ. އަށް ރުފިޔާއަށް ވިއްކަން ހުއްދަދީފައިވާ ހަކުރު ކިލޯއެއް ވެސް އެއަށް ވުރެ އަގުބޮޑުކޮށް ވިއްކާ އިރު 5.96 އަށް ވިއްކުމަށް އަންގާފައިވާ ފުއްކިލޯ ހަތް ރުފިޔާއަށް އަދި އަށް ރުފިޔާއަށް އެބަވިއްކަ އެވެ.

އަތޮޅުތެރެއަށް މާލެއަށް ވުރެ ކާޑުގެ ބާވަތްތައް ވިއްކުމަށް ހުއްދަދީފައިވާ އަގުތައް ބޮޑެވެ. ނަމަވެސް އެއަށްވުރެ ވެސް އަގުބޮޑުކޮށް ބައެއް ފިހާރަތަކުން ވިޔަފާރިކުރާ ކަމަށް މައުލޫމާތު ލިބެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެމިނިސްޓްރީން ހުއްދަ ދީފައިވާ އަގަށްވުރެ ބޮޑުކޮށް ކާޑުގެ ބާވަތްތައް ވިއްކާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ކާބޯތަކެއްޗަށް ދެވޭ މާލީ އެހީގެ ގޮތުގައި ނިކަމެތިންނަށް މީލާދީ ކޮންމެ މަހަކަށް ޝަރުޠު ހަމަވާ ކޮންމެ ފަރާތަކަށް 40 ރުފިޔާ ދޭނެ އެވެ. މިގޮތުން އެހީއަށް އެދި ހުށަހަޅާ ގޭބިސީތަކަށް މަހެއްގެ މައްޗަށް ގިނަވެގެން ލިބިދެވޭނީ 240 ރުފިޔާއެވެ.