ދިވެހިރާއްޖެ އަށް ސައުދީ އަރަބިއްޔާގެ ފަރާތުން 300 ސްކޮލަޝިޕްގެ ފުރުސަތު ދިނުމަށް ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ދައުލަތުގެ ބައެއް ވަޒީރުން ސައައުދީ އަރަބިއްޔާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، މިއަދު ވަނީ ސައުދީ އަރަބިއްޔާގެ ބައެއް ވަޒީރުންނާ ބައްދަލު ކުރައްވައިފަ އެވެ.

އެގޮތުން، ސައުދީ އަރަބިއްޔާގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަހްމަދު ބިން އިއްސާއާ ރައީސް ޔާމީން މިއަދު ބައްދަލު ކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި، ސައުދީގެ ތައުލީމާ ބެހޭ ވަޒީރު ވިދާޅުވީ ދިވެހި ކިޔަވާ ކުދިންނަށް ސައުދީ އަރަބިއްޔާ އިން 300 ސްކޮލަޝިޕްގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިއީ މީގެ ކުރިން ސައުދީން ރާއްޖެއަށް ދެމުން އައި ސްކޮލަޝިޕްގެ އަދަދުގެ ދެގުނަ އެވެ. މީގެ ކުރިން ސައުދީން ރާޢްޖެއަށް ދެމުން އައީ 150 ސްކޮލަޝިޕް ފުރުސަތެވެ.

ތިންސަތޭކަ ސްކޮލަޝިޕްގެ ކަންކަން ވަރަށް އަވަސް މުސްތަގުބަލެއްގައި ހަމަޖައްސެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށް ސައުދީގެ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއާ ސައުދީ އަރަބިއްޔާގެ ތައުލީމީ ދާއިރާއިން ގުޅުން ބަދަހި ކުރުމަށާއި، ފަންނީ ދާއިރާތަކުން ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް ދިނުމާ މެދު ވެސް ސައުދީގެ މިނިސްޓަރާއި ރައީސް ޔާމީން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސައުދީއަށް ވަޑައިގެން ވަފުދުގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ހިމެނިވަޑައިގަންނަވަ އެވެ.