05 Oct 2016, 09:03
ދުނިޔޭގެ ބައެއް ގައުމުތަކުގައި ހަރަކާތްތެރިވާ އިނގިރޭސި ސިފައިން އެގައުމުތަކުގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކާއި ޖަރީމާތަކާ ގުޅިގެން އެމީހުންގެ މައްޗަށް އެ ގައުމުތަކުން ކުރާ ދައުވާތައް ހުއްޓުވުމަށް މަސައްކަތް ކުރަމުން ގެންދާކަން އިނގިރޭސި ސަރުކާރުން ދާދިފަހުން ވަނީ ހާމަކޮށްފަ އެވެ.
އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން ދާދިފަހުން ނެރުނު ބަޔާނެއްގައި، ބޮޑުވަޒީރާ ތެރީސާ މޭ ވިދާޅުވެފައި ވަނީ އިނގިރޭސި ސިފައިންނަކީ ރަނގަނޅު އަހްލާގެއްގެ ވެރި ބައެއްކަމަށާއި އެމީހުން ޚިދްމަތްކޮށްދޭ ގައުމުތަކުގައި ހިންގާ ކުށްތަކާ ގުޅިގެން އެމީހުންގެ މައްޗަށް ދައުވާކުރެވިގެން ނުވާނެ ކަމުގައެވެ.
އިނގިރޭސިވިލާތަކީ އދ.ގެ ހުއްދައަކާ ނުލައި، އެމެރިކާއާ ގުޅިގެން އިރާގަށް ގަދަބާރުން އަރައިގަނެ އެގައުމުގެ އާންމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ގައުމެކެވެ. އިރާގަށް އިނގިރޭސި ސިފައިން އަރައިގަނެ އުދުވާނީ ހަނގުރާމައެއް ކޮށްފައި ވަނީ އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ އިނގިރޭސި ރައްޔިތުންގެ އިތުރުން ދުނިޔެއަށް ވެސް އޮޅުވާލައި ދޮގު ހަދައިގެންކަން މުޅި ދުނިޔެއަށް ވެސް ވަނީ ސާބިތުވެފަ އެވެ. އިރާގަކީ މިއަދު ނިކަމެތިވެފައިވާ ގައުމަކަށްވާތީ އެ ހަނގުރާމައިގާ އިރާގަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމަށް މިހާރު އިރާގުން މަސައްކަތް ނުކުރި ނަމަވެސް ޒަމާންތަކަކަށް ފަހު ހާލަތު ބަދަލުވެ އެމެރިކާއާއި އިނގިރޭސިވިލާތުގެ ކިބައިން އެތައް ސަތޭކަ ބިލިޔަން ޑޮލަރެއްގެ ބަދަލުހޯދުމަށް އިރާގުން މަސައްކަތްކުރުމަކީ ގާތްކަމެކެވެ. މިކަން ގާނޫނީ ތަޖްރިކާބާރުން ގަބޫލު ކުރައްވަ އެވެ.

އިނގިރޭސި ސިފައިންގެ ޝިކާރައަކަށް ވެފައިވާ އިރާގުގެ ރައްޔިތެއް
އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުގެ ބަޔާނުގައި ތެރީސާ މޭ ވިދާޅުވެފައި ވަނީ ބޭރުގައުމުތަކުގައި ހަރަކާތްތެރިވާ އިނގިރޭސި ސިފައިންނަކީ އިނގިރޭސި ރައްޔިތުންގެ އަމަނާއި ސަލާމަތަށް ޓަކައި އެމީހުންގެ ފުރާނަތައް ގުރްބާން ކުރާބައެއް ކަމަށާ އެހެންކަމުން ކޯޓްކޭސްތަކުން އެމީހުން ހިމާޔަތް ކުރުމަށް އިނގިރޭސި ސަރުކާރަށް ކުރެވެންހުރި މަސައްކަތެއް ކުރާނެ ކަމުގަ އެވެ.
އިނގިރޭސި ސިފައިން އިރާގާ ދެކޮޅަށް ކުރި ހަނގުރާމައިގާ އިރާގުގެ އާންމުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކަށް ބަދަލު ދިނުމަށް ޓަކައި މިހާތަނަށް 100 މިލިޔަން ޑޮލަރު ހޭދަކޮށްކޮށްފައިވާ ކަމަށް ވެސް މިބަޔާން ބުނެ އެވެ.
އިނގިރޭސި ސިފައިންގެ މައްޗަށް ވަނީ އަފްޣާނިސްތާނުގެ އާންމުންނާ ދެކޮޅަށް ވެސް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގިކަމުގެ ތުހުމަތު ކުރެވިފަ އެވެ. މީގެތެރޭގައި އަފްޣާން އަންހެންކުދިން ރޭޕް ކުރުމާއި އާންމުން މެރުމާއި އާންމުންގެ މުދާ ވަގަށްނެގުން ފަދަ ޖަރީމާތައް ހިންގުން ހިމެނެ އެވެ.
ނަމަވެސް އަފްޣާން ސަރުކާރަކީ އެސަރުކާރު ދެމިއޮތުމަށް ޓަކައި އިނގިރޭސިވިލާތާއި އެމެރިކާއަށާއި ޔޫރަޕްގެ އެހެން ބާރުތަކަށް ބަރޯސާވާ ހާލަތުގައި އޮތް ސަރުކާރަކަށް ވާތީ އިނގިރޭސި ސިފައިންގެ މިޖަރީމާތަކަށް ބަދަލުހޯދުމަށް ނޫނީ މިޖަރީމާތައް ހިންގާ އިނގިރޭސި ސިފައިންނާ ދެކޮޅަށް ދައުވާކޮށް އަފްޣާން ކޯޓުތަކަށް އެމީހުން ހާޒިރު ކުރުމަކީ އަފްޣާން ސަރުކާރަށް ކުރެވޭވަރުގެ ކަމެއްނޫނެވެ.
މިއާއެކު އިރާގާއި އަފްޣާނިސްތާނުގެ ނިކަމަތިކަމުން ނާޖާއިޒު ފައިދާ ނަގައިގެން އިނގިރޭސި ދައުލަތުން މަސައްކަތް ކުރަމުން ގެންދަނީ އެގައުމުމުގެ ސިފައިން އިންސާފުގެ ކުރިމައްޗަށް ޙާޒިރުކުރުމުގެ ބަދަލުގައި މި މައްސަލަތައް އޮއްބާލައިގެން އިނގިރޭސި ސިފައިން ހިންގާފައިވާ ކުށްތަކުން އެމީހުން ބަރީއަކޮށް ހިމާޔަތް ކުރުމަށެވެ.
މިއީ އިންސާނީ ހައްގުތަކަށް އިހްތިރާމްކޮށް އިންސާނީ ހައްގުތަކުގެ ނަމުގައި އަޑުފުލާ ކަމަށް ބުނާ ދައުލަތަކުން ކަންތައްތައް ކުރަން ޖެހޭ ގޮތްބާވަ އެވެ؟
އިނގިރޭސި ސިފައިން އިރާގާ ދެކޮޅަށް ކުރި ހަނގުރާމައިގާ އިރާގުގެ އާންމުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކަށް މިހާތަނަށް 100 މިލިޔަން ޑޮލަރުގެ ބަދަލެއް ދީފައި ވީނަމަވެސް މިއީ އިނގިރޭސި ސިފައިންގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ތެރެއިން އިނގިރޭސީންނާ ދެކޮޅަށް އަޑުއުފުލާ އާއިލާތަކުގެ އަޑު ކަނޑުވާލުމަށް ރިޝްވަތުގެ ގޮތުގައި ހޭދަކޮށްފައިވާ ފައިސާ ކަމަށާ މިއީ ބަދަލެއް ނޫންކަމަށް އެމައްސަލަތައް ދިރާސާ ކުރައްވާ ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.
އަދި މުސްތަގިއްލު ކޯޓަކުން މިމައްސަލަތައް ބަލައިފި ނަމަ އިރާގު ރައްޔިތުންނަށް އިނގިރޭސި ދައުލަތުން އެތައް ސަތޭކަ ބިލިޔަން ޑޮލަރެއްގެ ބަދަލު ދޭން ޖެހޭނެ ކަމަށް މިފަދަ ގާނޫނީ މާހިރުން ވިދާޅުވެ އެވެ.
އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ އދ.ގެ ހުއްދައަކާ ނުލައި ދޮގު ހަދައިގެން އިރާގަށް އަރައި އެގައުމުގެ ސަރުކާރު ވައްޓާލައި އެގައުމު އިސްތިޢުމާރު ކުރުމަށް ފަހު ޓެރަރިސްޓުންގެ ހާއްޔަކަށް އިރާގު ހަދާފަ އެވެ. މިއީ ވެސް އެތައް ޓްރިލިޔަން ޑޮލަރެއްގެ ބަދަލު އިރާގަށް ދޭން ޖެހޭ ވަރުގެ ޖަރީމާއެކެވެ. މީގެއިތުރުން އެމެރިކާއާއި އިނގިރޭސީންގެ އިސްތިޢްމާރީ އެޑްމިނިސްޓްރޭޝަންގެ ދަށުން އިރާގު ވަނީ ނާކާމިޔާބު ދައުލަތަކަށް (ފެއިލްޑް ސްޓޭޓް) އަކަށްވެސް ހަދާފަ އެވެ. މިއީވެސް އެފަދަ ބަދަލެއްދޭންޖެހޭ ވަރުގެ ބޮޑު ޖަރީމާއެކެވެ.
އިރާގާ ދެކޮޅަށް އެމެރިކާއާއި އިނގިރޭސީން ކުރި ޣައިރު ގާނޫނީ ހަނގުރާމައިގާ އިރާގު މާއްދީ ގޮތުންހަލާކުކޮށްލުމުގެ އިތުރުން އެގައުމުގެ މިލިޔަނެއްހާ މީހުން މަރާލާފައިވެ އެވެ. މީގެތެރޭގައި ގިނައީ މި ދެގައުމުން ބޮން އަޅައިގެން މަރާލި މީހުންނާއި މިދެގައުމުގެ ސަބަބުން އިރާގުގައި އުފެދުނު އައިއެސްފަދަ ޓެރަރިސްޓް ޖަމާއަތްފަދަ ހަރުކަށި ޖަމާއަތްތަކުގެ ބަދަލު ހިފުމުގެ ހަމަލާތަކުގައި މަރުވެދިޔަ މީހުންނެވެ. މީގެއިތުރުން އިރާގުގެ ވަކިވަކި ފަރުދުންނާ ދެކޮޅަށްވެސް އެމެރިކާއާއި އިނގިރޭސި ސިފައިން އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވާކަން އިރާގުގެ އާންމުންގެ ހެކިބަހުންނާއި ފެނިފައިވާ ފެނުންތަކުން ސާބިތުވެފައިވެ އެވެ.
ނަމަވެސް އިނގިރޭސި ސަރުކާރުން ގެންދަނީ އިނގިރޭސި ސިފައިންގެ ޝިކާރައަކަށްވި އިރާގުގެ ނިކަމެތި އާންމުންގެ ހައްގުތައް ހޯދައި ދިނުމުގެ ބަދަލުގައި ޖަރީމާތައް ހިންގި އިނގިރޭސި ސިފައިން ހިމާޔަތްކޮށް އެމީހުން ގެ މައްޗަށް ދައުވާ ކުރިޔަ ނުދިނުމަށް މަސައްކަތް ކުރަމުންނެވެ.