މާލެ ސަރަހައްދުގައި އުފެދޭ ކުނި އުފުލުމަށްޓަކާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ތިން ކޮޅުވެއްޓި ބަންނަން އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެންވަރަޔަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ވެމްކޯއާ މަސައްކަތް ހަވާލުކުރީ ގޯއާގެ ކުންފުންޏެއް ކަމަށްވާ ވިޖެއި މެރިން ޝިޕްޔާޑްސް ނަމަކަށް ކިޔާ ކުންފުންޏާ އެކު ވަނީ ސޮއިކޮށްފަ އެވެ.

އެގޮތުން އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ފުއާދު އިބްރާހިމެވެ. އަދި ވިޖެއި މެރިން ޝިޕްޔާޑްސް ކުންފުނިން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ބިޒްނަސް ހެޑް ސޫރަޖް ޖައިރަމް އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވެމްކޯގެ އެމްޑީ ފުއާދު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުން މާލޭގައި އުފެދޭ ކުނި އުފުލުމަށް ކުއްޔަށް ލޭންޑިން ކުރާފްޓު އެއްޗެހި ނެގުމުން އެކަމަށް ބޮޑު ހަރަދެއް ހިނގާ ކަމަށާއި އަދި މިހާރު ބޭނުންކުރަމުންދާ ބައެއް ލޭންޑިން ކުރާފްޓް ހަލާކުވެ އެކަތި މަރާމާތުކުރަމުންދާ ކަމަށެވެ.

އެގޮތުން ކުއްޔަށް ނަގައިގެން ކުނި ބޭރުކުރުމަށް ހިނގާ ހަރަދުކުޑަކުރުމުގެ ގޮތުން ވެމްކޯގެ އަމިއްލަ ކުނި އުފުލާ ލޭންޑިން ކުރާފްޓުތަކެއް ގެންނަން މިއަދު ވި އެއްބަސްވުމުގެ ދަށުން ކޮޅުވެއްޓިތައް ޑިޒައިންކޮށް ބަނުމަށް ފަހު ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖެ ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެމްކޯއަށް ގެންނަ އެ ތިން ކޮޅުވެއްޓި ބަނުމަށް ގާތްގަނޑަކަށް 35 މިލިއަން ދިވެހި ރުފިޔާ ހަރަދުވާއިރު ތިން ކޮޅުވެއްޓީގައި 400 ޓަނުގެ ކުނި އުފުލޭނެ ކަމަށް ވެމްކޯއިން ބުނެ އެވެ.

ފުއާދު ވިދާޅުވީ، ިއަލަށް ގެންނަ ކޮޅުވެއްޓިތައް ގެނައުމުން މާލެ އެކޭ އެއްގޮތަށް ވިލިމާލެ އަދި ހުޅުމާލޭގައި އުކާލެވޭ ކުނި ދުވަހުން ދުވަހަށް ބޭރުކުރެވޭނެ އެވެ. އަދި އެ ކޮޅުވެއްޓީގައި ކުނި އުފުލާނީ ކޮންޕްރެސްކުރެވި ކޮންޓެއިނަރުތަކެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.