04 Oct 2016, 15:17
ހަލަބު (އޮކްޓޯބަރު 4): ސީރިއާގެ އިރުއުތުރުގައި އޮންނަ ހަސަކާގައި ކުރިއަށް ދިޔަ ކައިވެނި ހަފްލާއެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 22 މީހަކު މަރުވެއްޖެ ކަމަށް ސީރިއާގެ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.
ކުރުދީ ދަރިކޮޅަށް ނިސްބަތްވާ ބަޔެއްގެ ކައިވެނި ހަފްލާއަށް އެހަމަލާ ދީފައި ވަނީ ބޮން ހަރުކޮށްފައިވާ ވެސްޓެއް އަަޅައިގެން ހުރި މީހެއް ކަމަށް އައިއެސްއާ ގުޅުން ހުރި ނޫސް އޭޖެންސީއެއް ކަމަށްވާ އަމާގް އިން ވަނީ ރިޕޯޓުކޮށްފަ އެވެ.
އައިއެސް އިން ވަނީ އިއްޔެ ސީރިއާގެ ހާމާއަށް އަމިއްލައަށް މަރުވެގެން ދިން ދެ ހަމަލާއެއްގެ ޒިންމާއެއް ވެސް ނަގާފަ އެވެ. އެހަމަލާގައި ތިން މީހަކު މަރުވެ 11 މީހަކަށް އަނިޔާވި އެވެ. ހާމާއަކީ ސީރިއާ ސަރުކާރުގެ ކޮންޓްރޯލުގެ ދަށުގައި އޮތް ސިޓީއެކެވެ.
ދެހާސްއެގާރަ ވަނަ އަހަރު ސީރިއާގެ ދާހިލީ ހަނގުރާމަ ފެށުނު ފަހުން އެގައުމުން މަރުވި މީހުންގެ އަދަދު 430،000 އަށް އަރާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެ އެވެ. (އަލްޖަޒީރާ)