އިޒްރޭލުގެ ގައުމީ އެއާލައިންގެ ބޯޓްތައް ރާއްޖެއަށް އޮޕަރޭޓް ކުރުމާ ބެހޭ ގޮތުން އަދާލަތު ޕާޓީ އާއި ރާއްޖޭގެ އެހެނިހެން ފަރާތްތަކުން ފާޅުކުރައްވަމުން ގެންދާ ކަންބޮޑުވުންތަކަށް ސަރުކާރުން ސަމާލުކަން ދޭނެ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވެއްޖެ އެވެ.

ޒުހައިރު މިއަދު ވިދާޅުވީ އަދާލަތު ޕާޓީން ފާޅުކޮށްފައިވާ ކަންބޮޑުވުމަށް އަހަންމިއްޔަތުކަން ދިން ނަމަވެސް ދެ ފަރާތުން ހުށައަޅާ ކަންތައްތަކަށް ސަރުކާރުން ބަލަން ޖެހޭ ކަމަށެވެ.

" އަދާލަތު ޕާޓީން ވެސް އަދި އެހެން ފަރާތްތަކުން ވެސް އެ ފާޅުކުރައްވަމުން ގެންދަވާ ކަންބޮޑުވުންތަކަށް ސަރުކާރުން ހަމަ ނުހަނު އަހަންމިއްޔަތުކަން ދެއްވާނެ، އެހެން ނަމަވެސް ސަރުކާރުން ބައްލަވަން ޖެހިވަޑައިގަންނަވާ މިކަމުގައި ދައުލަތަށް ހުރި ގެއްލުން ތަކާއި ، ދެފަރާތުމެ ހުށައަޅާ ކަންތައްތަކަށް،" ޒުހައިރު ވިދާޅުވިއެވެ.
ޒުހައިރު ވިދާޅުވީ އިސްލާމީ ގައުމުތަކުގެ ތެރެއިން މިހާރު އިޒްރޭލުގެ ފްލައިޓްތައް އޮޕަރޭޓްކުރަމުންދާ ހަތަރު ގައުމުން އެކަން ކުރަނީ ބައިނަލް އަގުވާމީ ކޮން މުއާހަދާތަކެއްގެ ދަށުންތޯ އާއި ކިހާވަރަކަށް ސެކިއުރިޓީ ލިބިގެންތޯ ވެސް ސަރުކާރުން ބަލާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އަދާލަތުޕާޓީގެ ކަންބޮޑުވުންތަކަށް ރައީސް އޮފީހުގެ ނެޝަނަލް ސެކިއުރިޓީ އޮފީހުން ވެސް ބައްލަވާނެ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުން ގޮތެއް ނިންމަވާނީ ހުރިހާ ފަރާތަކުން ހުށައަޅާފައިވާ ހުރިހާ ކަންބޮޑުވުންތަކަށް ވެސް ބެއްލެވެން ހުރި ގޮތްތަކަކަށް ބެއްލެވުމަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.

އިޒްރޭލުގެ އެއާލައިންގެ ފްލައިޓްތައް ރާއްޖެއަށް އޮޕަރޭޓް ކުރުމުގެ ކަންތައް އަދި ވަކި ގޮތަކަށް ނިމިފައި ނުވަނީތޯ ސުވާލު ދެންނެވުމުން ޒުހައިރު ވިދާޅުވީ އެކަން މަނާކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަމަށް ނުފެންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. ނަމަވެސް ރައީސް އޮފީހުގެ ނެޝަނަލް ސެކިއުރިޓީ އޮފީހުން ގައުމީ ސަލާމަތާ ބެހޭ މައްސަލައެއް ފާހަގަކުރައްވާ އަންގަވައިފިއްޔާ އެކަން ބަދަލުވުމުގެ ފުރުސަތު އޮންނާ ކަމަށެވެ.

ޒުހައިރު ވިދާޅުވީ އިޒްރޭލްގެ އެއާލައިން ރާއްޖެއަށް އޮޕަރޭޓް ކުރުމުގެ ބައެއް ކަހަލަ ފައިދާތައް ވެސް އެބަ ހުރި ކަމަށެވެ. އެގޮތުން އިޒްރޭލްގެ ރައްޔިތުންގެ ތެރެއިން މަހަކު 500އާއި 1000 އާ ދެމެދުގެ އަދަދެއްގެ މީހުން ޓޫރިސްޓުން ގޮތުގައި ކޮންމެ މަހަކުވެސް ރާއްޖެ އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދިވެހިންގެ ތެރެއިން ވެސް 200 އާ 500 އާ ދެމެދުގެ އަދަދެއްގެ މަސްޖިދުލް އަގުސާއަށް ޒިޔާރަތް ކުރުމަށްޓަކައި އިޒްރޭލަށް ދަތުރުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

>> އޯޑިއޯ އަޑު އެއްސެވުމަށް

Listen!