04 Oct 2016, 14:50
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ލާއޯސްއާ ދެކޮޅަށް ނިކުންނައިރު އެ ޓީމްގައި ހުނަރުވެރި މޮޅު ކުޅުންތެރިން އެބަތިބި ކަމަށާއި އެ ކުޅުންތެރިންނަށް ސަމާލުވާން ޖެހޭ ކަމަށް ރާއްޖޭގެ ކޯޗު ޑަރެން ސްޓެވާޓް ބުނެފިއެވެ.
ފުރަތަމަ ލެގްގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ރާއްޖޭ ޓީމުން ވަނީ 4-0ގެ ނަތީޖާ އަކުން ކާމިޔާބު ކޮށްފައެވެ. ނަމަވެސް ސްޓެވާޓް ބުނީ ދެވަނަ ލެގްގައި ލާއޯސްއާ ދެކޮޅަށް އެގައުމުގައި ކުޅޭ މެޗު ފަސޭހަ ކޮށް ނުލާނެ ކަމަށާއި ފުރަތަމަ ހާފްގައި ގޯލެއް ކާމިޔާބުކޮށް ލީޑް ނެގުމަށް މަސަތްކަތް ކުރާނެ ކަމަށެވެ.
"ލާއޯސް ޓީމުގައި އެބަތިބި މޮޅެތި ހުނަރުވެރި ކުޅުންތެރިންތަކެއް. އެ ކުޅުންތެރީންނަށް ސަމާލު ނުވެއްޖެ ނަމަ ނުރައްކާ ކުރާނެ. އެކަމަށް ވަރަށް ބޮޑަށް ފަރުވާތެރި ވާން ޖެހޭ،" ސްޓެވާޓް ބުންޏެވެ.
ފުރަތަމަ ލެގަށް ފަހު ކުޅުންތެރީންނަށް ލީގުގައި ގިނަ މެޗުތަކެއް ކުޅެން ލިބުމުން ސްޓެވާޓް ވަނީ އެކަން ފާހަގަކޮށްފައެވެ.
"ލީގުގައި ކުޅުންތެރީން ވަނީ ވާދަވެރި ގިނަ މެޗުތަކެއް ކުޅެފަ. ވަރަށް ރަނގަޅު ފޯމެއްގައި ތިބީ ވެސް،" ސްޓްވޭޓް ބުންޏެވެ.
އޭނާ ބުނީ، އަންނަ އަންގާރަ ދުވަހު ކުޅޭ މެޗަށް ފަރިތަކުރަން ފެށިތާ ހަތަރު ދުވަސް ވެއްޖެ ކަމަށާއި ފުރަތަމަ ހަތަރު ދުވަހު ވާނީ ކުޅުންތެރިންނަށް ރިކަވަވާން ފުރުސަތު ދީފައި ކަމަށެވެ. އަދި ޓެކްޓިކަލް ޕްރެކްޓިސްތައް މިއަދުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށް ކޯޗު ބުންޏެވެ.
"ޓީމް އޮތީ ކުރިއެކޭ އެއްގޮތަށް އެކަތިގަޑެއްގެ ގޮތުގައި ވަރަށް ރަނގަޅު ރުހެއްގައި. ފަރިތަކުރުންތަށް ވެސް ދަނީ ވަރަށް ރަނގަޅަށް. ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ވެސް ވަރަށް ފުރިހަމައަށް ލިބޭ،" ސްޓެވާޓް ބުންޏެވެ.
ސްޓެވާޓް ވަނީ، ގައުމީ ޓީމްގެ ސީނިއާ ކުޅުންތެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ. އޭނާ ބުނީ، އިތުރު އެއްވެސް ކަމަކާ މެދު ވިސްނާނީ ލާއޯސް މެޗަށް ފަހުގައި ކަމަށާއި ހުރިހާ ކުޅުންތެރިންނާ އޮފިޝަލުންގެ ވިސްނުން ހުރީ ވެސް އެމެޗު ކާމިޔާބުކޮށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ކުޅުމަށް ކަމަށެވެ.