04 Oct 2016, 13:31
ގައުމީ ޓީމްގެ އިތުބާރު މިޑްފީލްޑަރު އަސްއަދު އަލީ (އަޑުބަރޭ) ގައުމީ ޓީމަށް ނުނެގީ ލީގްގެ ގިނަ މެޗުތަކެއް ގެއްލުމުން ކަމަށް ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު ޑަރެން ސްޓެވާޓް ބުނެފި އެވެ.
އޭއެފްސީ ކަޕް ޕްލޭ އޮފްގައި އަންނަ އަންގާރަ ދުވަހު ލާއޯސްގައި އެގައުމާ ދެކޮޅަށް ކުޅޭ ދިވެހި ގައުމީ ޓީމަށް ނެގި 23 ކުޅުންތެރިންގެ ސްކޮޑުގައި އަޑޭ ނުހިމެނުމުން ގިނަ ފަރާތްތަކަކުން އައީ އެފްއޭއެމްއަށާ ކޯޗަށް ފާޑު ކިޔަމުންނެވެ.
"އަހަރެން ސްކޮޑު އެކުލަވާލުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް. ފުރިހަމަ އިތުބާރާ ބާރާ އެކު ސްކޮޑް އެކުލަވާލާފައި ވާނީ. އަޑޭއަށް ސްކޮޑުން ޖާގަ ގެއްލުނީ ލީގްގައި ގިނަ މެޗުތަކެއް ނުކުޅެ ހުރުމުން،" ސްޓެވާޓް ބުންޏެވެ.
ސްޓޭވާޓް ބުނީ އަޑޭ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާގެ ހުނަރާ މެދު އެއްވެސް ޝައްކެތް ނޫފެދޭ ކަމަށެވެ. ނަމަވެސް އަޑޭ ކުޅޭ މަގާމަށް މިދިޔަ ދުވަސްތަކުގައި ލީގްގައި ވަނީ ގިނަ ކުޅުންތެރިންތަކެއް މޮޅު ކުޅުމެއް ދައްކާފައި ކަމަށާއި އެހެން ކަމުން އެ ކުޅުންތެރިންނަށް ސްކޮޑުން ޖާގަ ދިނުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"ގިނަ މެޗުތަކެއް ނުކުޅެ ހުރުމުން ފިޓްނަސް ލެވަލް ވެސް ދަށް ވާނެ. ލާއޯސް މެޗަށް ފަހު ލީގްގައި ގިނަ ކުޅުންތެރިންތަކެއް ވަނީ 90 މިނެޓް ކުޅެފައި. އެކުޅުންތެރިންނަކީ ވެސް މޮޅު ކުޅުންތެރިންތަކެއް،" ސްޓެވާޓް ބުންޏެވެ.
ގައުމީ ޓީމުން މި ފަހުން ކުޅުނު ހުރިހާ މުބާރާތެއްގައި ވެސް ގަވައިދުން ސްކޮޑްގައި ހިމެނި ޓީމްގައި ވެސް މޮޅު ކުޅުމެއް ދައްކަމުންއައި އަޑޭއަށް ލީގްގެ މެޗްތަކެއް ގެއްލުނީ މިދިޔަ މަހު އިނދިކޮޅު ފާރާތްތަކުން ކުރި މުޒާހަރާއެއްގެ ތެރެއިން އޭނާ ހައްޔަރުކޮށް 13 ދުވަސް ދޫނިދޫގައި ބަންދުކޮށްފައި ބެހެއްޓުމުގެ ސަބަބުންނެވެ.
ގައުމީ ޓީމްގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގައި ވެސް މޮޅު ކުޅުމެއް ދައްކައި ގަވާއިދުން ފުރަތަމަ 11 އިން ޖާގަ ހޯދަމުން އައި އަޑޭ މިދިޔަ މަހު 22 ވަނަ ދުވަހު ފުލުހުންގެ ބަންދުން ދޫކޮށްލި ނަމަވެސް އެންމެ ފަހުން މާޒިޔާ މިދިޔަ ހުކުރު ދުވަހު ކުޅުނު މެޗުގައި ވެސް ކޯޗު އަލީ ސްޒޭން އޭނާއަކަށް ފުރުސަތެއް ނުދެ އެވެ.