04 Oct 2016, 13:35
ބްރޯޑްކާސްޓިން ކޮމިޝަން މިހާތަނަށް އުފެއްދި ފަހުން ބްރޯޑްކާސްޓް ދާއިރާއާ ގުޅޭގޮތުން 468 ޝަކުވާއެއް އެ ކޮމިޝަނަށް ލިބިފައިވާ ކަަމަށް ބްރޯޑްކޮމްއިން ބުނެފި އެވެ.
ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބަތުގައި އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ދެއްވި ހިތާބެއްގައި ވިދާޅުވީ އެ ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރެއިން 213 ޝަކުވާ އަކީ ބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓާ ގުޅުން ހުރި ޝަކުވާ ކަމަށެވެ. އަދި ވިދާޅުވީ 215 ޝަކުވާއަކީ ލައިސަންސްގެ މައްސަލަތަކާ ގުޅުން ހުރި ޝަކުވާ ކަމަށާއި ހިދުމަތާއި އަދި އެހެނިހެން މައްސަލަތަކުގެ ގޮތުގައި 40 ޝަކުވާ އެއް ލިބިފައިވާ ކަމަށެވެ. ޝަހީބުގެ ހިތާބުގައި ވިދާޅުވީ ބްރޯޑްކާސްޓްކުރާ ކޮންޓެންޓާ ގުޅިގެން ލިބިފައިވާ ޝަކުވާތަކުގެ ތެރެއިން 29 ޕަސެންޓަކީ މީހުންގެ އަބުރާ ގުޅުން ހުރި ޝަކުވާ ކަމަށެވެ.
"އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުފަންވުމާ ގުޅިގެން، އެޤާާނޫނުގެ ދަށުން، މި ކޮމިޝަނުން ހަދަންޖެހޭ ގަވައިދުތަކާއި އުސޫލްތައް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައި. އަދި މީގެ ފަސް އަހަރު ކުރިން، ކޮމިޝަނުން އެކުލަވާލައިފައިވާ ބްރޯޑްކާސްޓްކުރުމުގެ ގަވައިދާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދު މުރާޖާކުރުމުގެ މަސައްކަތް ވެސް މި ވަނީ ފަށައިފައި،" ޝަހީބު ވިދާޅުވި އެވެ.
ހިތާބުގައި އޭނާ ވިދާޅުވީ ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ތަރައްގީއަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ރާއްޖެ އިން ބޭރުން ހަމަޖެއްސުމަށް ޓަކައި ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޝަހީބު ވަނީ ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ފަންނީ މީހުން ބިނާކުރުމަށް، ގުޅިގެން މަސައްކަތްކުރުމަށް ޕަބްލިކް ސަވިސް މީޑިއާ އާއި އެކޮމިޝަނާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ.