އިސްލާމިކް މިނިސްޓްރީން ބޭނުން ވަނީ ދީނީ ޖަމިއްޔާތަކާ އެކު އެއް ޕްލެޓްފޯމެއްގައި މަސައްކަތް ކުރަން ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

"ސަން"އަށް ދެއްވި އިންޓަވިއުއެއްގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި އިސްލާމިކް މިނިސްޓްރީން ހިންގާ ދީނީ އެކި ކަންކަމުގައި ދީނީ ޖަމިއްޔާތައް ބައިވެރި ކުރުމަކީ އެ މިނިސްޓްރީގެ ވަރަށް ބޮޑު ވިސްނުމެއް ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ، އެފަދަ އެއް ހަރަކާތް މިހާރުވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އިސްލާމިކް މިނިސްޓްރީން މި ބަލަނީ ވަރަށް އަވަހަށް ޖަމިއްޔާތަކާއި އެކު ވޯކްޝޮޕެއް ބާއްވަން. ދެ ދުވަހުގެ މުއްދަތަށް އެ ވޯކްޝޮޕް ކުރިއަށް ދާނީ. އަޅުގަނޑުމެން ބޭނުންވަނީ އެއް ޕްލެޓުފޯމެއްގައި ޖަމިއްޔާތަކާއި އިސްލާމިކް މިނިސްޓްރީ މަސައްކަތް ކުރަން،" މުސްތަފާ ވިދާޅުވި އެވެ.

ނިމިދިޔަ އަޟްހާ އީދުގައި އިސްލާމިކް މިނިސްޓްރީން ހިންގި ހަރަކާތްތަކުގައި ޖަމިއްޔާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެން ދިޔަ ކަމަށް މުސްތަފާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

"ޖަމިއްޔާތަކުގެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބެމުން ދަނީ ފައިސާގެ ގޮތަކުން ނެއް ނޫން. އަމަލީ ގޮތުން އެ ހަރަކާތްތަކުގައި ޖަމިއްޔާތަކުން ބައިވެރިވަމުން އަންނަނީ،" މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ، ދީނީ ޖަމިއްޔާތަކާއެކު އެ މިނިސްޓްރީން ހަފްތާއަކު އެއްފަހަރު ބައްދަލުވެ، މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެ ބައްދަލުވުންތަކުގައި، ޖަމިއްޔާތަކަށް ދިމާވާ ދަތިތައް ޖަމިއްޔާތަކުން ވެސް ހިއްސާކޮށްފައިވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ ޖަމިއްޔާތަކުން ހިންގަން ބޭނުންވާ ހަރަކާތްތައް ހިންގުމުގަައި ވަރަށް ބޮޑަށް ފައިސާގެ ދަތިކަން ކުރިމަތިވަމުން އަންނަކަން އެފަރާތްތަކުން ހާމަކޮށްފައިވާ ކަމަށެވެ.

"އެހެންވީމަ ޖަމިއްޔާތަކަށް ފައިސާގެ އެހީ ދިނުމަށް މިނިސްޓްރީން ވާނީ ނިންމާފައި. އަދި އެކަން ވަނީ ޖަމިއްޔާތަކާ އެކު މަޝްވަރާކޮށްފައި. ދެން މިހާރު އަޅުގަނޑުމެން މިނިސްޓްރީން މަސައްކަތް ކުރަމުން މި ގެންދަނީ އުސޫލެއް ކަނޑައަޅަން. ކޮން ފެންވަރެއްގައި ޖަމިއްޔާތައް ހަރަކާތްތެރިވީމާތޯ މިނިސްޓްރީން ފައިސާގެ އެހީ ދޭނީ." މުސްތަފާ ވިދާޅުވި އެވެ.

ރާއްޖޭގެ ދީނީ ޖަމިއްޔާތަކަށް ޒަކާތު ފަންޑުން ފައިސާ ދެވޭނެ ގޮތެއް ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ، ޒަކާތު ފަންޑުން ފައިސާ ބަހާ އުސޫލު މުރާޖައާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.