04 Oct 2016, 13:07
ތިން ފޫޓު ހުންނަވަރުގެ ކަނޑިއެއް ގެންގުޅުނުކަން ސާބިތުވެ މ. ނޫރުއްސަބާހު، އަބްދުލްބާސިތު 15 އަހަރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.
ދައުލަތުން އަބްދުލްބާސިތުގެ މައްޗަށް ދިވެހިރާއްޖެ އަށް ނުރައްކާތެި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ދައުވާ އުފުލާފައި ވަނީ 2008 ވަނަ އަހަރުގެ ޖުލައި މަހު މުނިއުފާއިން ނުކުމެ މަޖީދީ މަގުގައި ޕާކުކޮށްފައި ހުރި އިރު އޭނާގެ އަތުގައި ތިން ފޫޓު ހުންނަވަރުގެ ކަނޑިއެއް އޮތްތަން ފުލުހަކަށް ފެނިފައިވާތީ އެވެ.
އެ މައްސަލަ ބަލައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އަބްދުލްބާސިތުގެ މައްޗަށް ތިން ފޫޓު ހުންނަވަރުގެ ކަނޑިއެއް ގެންގުޅުނުކަން ދައުލަތުން ހުށަހެޅި ހެކިބަހުން ސާބިތުވާ ކަމަށެވެ.
އެމައްސަލަ އަބްދުލްބާސިތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ނިންމައި މިދިޔަ މަހުގެ 29 ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ ހަނގުރާމަ ވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމަކީ މަނާކަމެއް ކަމާއި އެފަދަ އެއްޗެއް މީހެއްގެ އަތުން ފެނި އެ ލިބުނު ގޮތެއް ސާބިތުކޮށް ނުދެވިއްޖެ ނަމަ ބެލެވޭނީ އެއީ އެމީހަކު ދިވެހިރާއްޖެ އަށް އެތެރެކޮށް ގެންގުޅޭ ނުވަތަ ރާއްޖޭގައި އުފައްދައިގެން ގެންގުޅޭ އެއްޗެއް ކަމަށެވެ.
މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަމުން ބާސިތުގެ ފަރާތުން ތިން ނުކުތާއެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ބާސިތު ކަނޑިގެންގުޅުނު މައްސަލަ ތަހުގީގުކޮށްފައި ނުވާ ކަމަށާއި ހެކި ހާޒިރު ކުރުންފަދަ ލިބެން ޖެހޭ ބައެއް ހައްގުތައް ލިބިފައިނުވާ ކަމަށް އޭނާގެ ފަރާތުން ވަނީ ބުނެފަ އެެވެ.
އެ ނުކުތާއާ ގުޅިގެން ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ބާސިތުގެ ފަރާތުން ހުށަހެޅި ހެކިން ހާޒިރު ނުކުރަން ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލަ ގެންނަން ޖެހޭ ތަނެއް ނެތް ކަމަށެވެ. އަދި ތަހުގީގު މަރުހަލާގައި ބާސިތަށްް ލިބެން ޖެހޭ ހައްގުތައް ފުރިހަމައަށް ލިބިދީފައިވާ ކަމަށް ހައިކޯޓު ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.
އެމައްސަލަ ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ކަނޑައަޅާފައި ވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.