ސައުދީ އަރަބިއާގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި، ބިންލާދިން ގްރޫޕުގެ މުވައްޒަފުންނަށް މުސާރަ ނުވެދި ގިނަ ދުވަސްތަކެއް ވުމުން، އެ ގްރޫޕަށް ސައުދީ ސަރުކާރުން މުސާރަ ހަމަޖައްސައިދީފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ސައުދީގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި ކަމަށްވާ ބިންލާދިން ގްރޫޕުގެ ދަށުން މަސައްކަތްކުރާ 77000 މުވައްޒަފުން ވަނީ މިދިޔަ މޭ މަހުގެ ތެރޭގައި ވަޒީފާ އިން ވަކިކޮށްފަ އެވެ. އަދި ވަކިކުރި ގިނަ މުވައްޒަފުންނަކީ ބިދޭސީން ކަމަށާއި އެމީހުންނަކީ އެތައް މަހެއް ވަންދެން މުސާރަ ނުދެވި ތިބި މީހުންކަމަށް ރިޕޯޓައް ބުނެ އެވެ.

ބިންލާދިން ގްރޫޕާ ހަވާލާދީ ސައުދީ އަރަބިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބިންލާދިން ގްރޫޕުގެ ކޮންސްޓްރަކްޝަން މުވައްޒަފުންނަށް އެ ކުންފުނިން ދޭން ޖެހޭ މުސާރަ ދިނުމަށް ސައުދީ ސަރުކާރުން އެއް ބިލިއަން އެމެރިކާ ޑޮލަރު ވަނީ ދީފަ އެވެ.

އަދި ވޯލް ސްޓްރީޓް ޖާނަވަލް އިން މިދިޔަ އާދީއްތަ ދުވަހު ބުނި ގޮތުގައި، ބިންލާދިން ގްރޫޕުން ފައިސާ ނުދީތިބި މުވައްޒަފުންނަށް މުސާރަ ދިނުމަށް ސައުދީ ސަރުކާރުން ވަނީ 800 މިލިއަން ޑޮލަރާއި 1.1 ބިލިއަން އެމެރިކާ ޑޮލަރު ދެމެދުގެ އަދަދެއްގެ ފައިސާ އެ ކުންފުންޏަށް ދީފަ އެވެ.

"ސައުދީ ސަރުކާރުގެ ފަރާތުން ބައެއް ޕޭމަންޓުތައް ވަނީ މިދިޔަ ހަފްތާތެރޭގައި ލިބިފައި. އަދި ވަޒީފާ އިން ކަނޑާލި 70،000 މުވައްޒަފުންނަށް މިހާރު ވަނީ އެމީހުންނަށް ލިބެން ޖެހޭ ހުރިހާ މަހެއްގެ މުސާރައާ ލިބުނު ގެއްލުމުގެ ފައިސާ ވެސް ދީފައި،" ބިންލާދިން ގްރޫޕްގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު ޔަސީން އަލްއަޠާސް ވިދާޅުވި އެވެ.

ނަމަވެސް އެކުންފުނީގެ ދަށުން މިހާރު މަސައްކަތްކުރަމުންދާ މުވައްޒަފުންގެ އަދަދެއް އޭނާ ހާމަކުރައްވާފަ އެއްނުވެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މައްކާގައި ހުންނަ މާތްވެގެންވާ ގެފުޅުގެ ހަރަމްފުޅު ސަރަހައްދު ބޮޑުކުރުމުގެ މަޝްރޫއާއި ރިޔާދުގެ ވިޔަފާރީގެ މައި މަރުކަޒު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ބިންލާދިން ގްރޫޕުގެ މުވައްޒަފުންނަށް މުސާރަ ނުދެވި ގިނަ ދުވަސްތަކެއް ވެފައި ވަނީ، ދުނިޔޭގެ މާކެޓުގައި ތެލުގެ އަގު ވެއްޓެމުން ދިއުމާ ގުޅިގެން ސައުދީއަށް ދިމާވި އިގްތިސާދީ ގޮންޖެހުންތަކުގެ ސަބަބުންނެވެ.

އެކަމުގެ ސަބަބުން ބިންލާދިން ގްރޫޕުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް އެ ކުންފުނީގެ ތަންތަނާއި ހަރުމުދާތައް އެ ކުންފުނިން ވިއްކާލަން އުޅުނުކަމުގެ ރިޕޯޓްތަކެއް ވެސް ޖޫން މަހުގެ ތެރޭގައި މީޑިއާތަކަށް ފެންމަތިވި އެވެ.

ރާއްޖޭގެ މައި ވައިގެބަނދަރުގެ ހުޅަނގު ދެކުނު ފަރާތުން އަލަށް ހިއްކި 73،000 އަކަ މީޓަރުގެ ބިމުގައި އަލަށް އިމާރާތްކުރާ އާ އިންޓަނޭޝަނަލް ޕެސެންޖާ ޓާމިނަލް އެޅުމަށް ހަވާލުކޮށްފައި ވަނީ ސައުދީ އެރަބިޔާގެ ބިންލާދިން ގްރޫޕާ އެވެ.