ގެސްޓްހައުސްތަކުން ގްރީންޓެކްސް ނަގަން ފެށުމުން ބޮޑުވާ އަގަށް ވުރެ، ގެސްޓްހައުސް ހުންނަ ރަށަށް ކުރާ ފައިދާ ބޮޑުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ކުނި މެނޭޖު ކުރުމަށާއި ތިމާވެށި ހިމާޔަތް ކުރުމުގެ ކަންކަމަށް ހޭދަ ކުރުމަށް ފަތުރުވެރިންގެ އަތުން ނަގާ ގްރީންޓެކްސް މީގެ ކުރިން ނަގަމުން އައީ ހޮޓެލްތަކާއި ރިސޯޓުތަކާއި ސަފާރީތަކުންނެވެ. އެއީ ދުވާލަކަށް ބޮލަކަށް ހަ ޑޮލަރެވެ. ނަމަވެސް މި އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން، ދުވާލަކަށް ބޮލަކަށް ތިން ޑޮލަރުގެ ރޭޓުން ގެސްޓްހައުސް ތަކުން ވެސް ގްރީންޓެކްސް ނަގަން ވަނީ ފަށާފައެވެ.

"ސަން"އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޒަމީރު އިއްޔެ ވިދާޅުވީ، ގްރީން ޓެކްސް ނަގައިގެން ކުރެވޭ މަސައްކަތްތަކުން ލިބޭ ފައިދާ، އަގު ބޮޑުވުމުން ލިބޭ ގެއްލުމަކަށް ވުރެ ބޮޑުވާނެ ކަމަށެވެ.

"ގްރީންޓެކްސް ނަގައިގެން ކުނި މެނޭޖުކުރުމާ މިކަންކަމުން ލިބޭ ފައިދާ އައުޓްވޭ ކުރާނެ، ކޮސްޓަށް އިންކްރީޒް ވާ ތިން ޑޮލަރަށް ވުރެ،"

މިނިސްޓަރު ވިދާޅުވީ، އެންވަޔަރަންމެންޓު މިނިސްޓްރީއާ އެއްކޮށް މަޝްވަރާ ކުރުމަށްފަހު، ގެސްޓްހައުސް ހުންނަ ރަށްރަށުގެ ކުނި މެނޭޖުކުރުުމާއި ތިމާވެށި ރަނގަޅު ކުރުމުގެ ކަންކަން ކުރެވޭނެ ކަމަށާއި، އެ މޭރުމުން އެކަމުގެ ތެރެއަށް ބަލާ ކަމުގައިވާ ނަމަ ކުރާ ފައިދާ، އަގުން އަންނަ ބަދަލުތަކަށް ވުރެ މާ ބޮޑުވާނެ ކަމަށެވެ.

ފަތުރުވެރިން ގިނައިން ރާއްޖެއަށް އަންނަނީ ރާއްޖޭގެ ރަށްރަށުގައާއި ގޮނޑުދޮށްތަކުގައި ހުސްފަޔާ ހިނގާލައި، ހިތްއުފާ ކުރުމަށް ކަމަށާއި، ރިސޯޓުތަކުގައި އެ މާހައުލު އޮތް ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ބައެއް ކަހަލަ މައްސަލަތައް ހުރެދާނެ ކަމަށް މިނިސްޓަރު ވިދާޅުވީއެވެ.

އެހެންކަމުން، ރަށްރަށުގެ ތިމާވެށި ރަނގަޅު ކޮށްގެން އެފަދަ މާހައުލެއް ގާއިމު ކޮށްދެވިއްޖެ ނަމަ، ގްރީން ޓެކްސްއާ ހެދި އަގު ބޮޑުވި ނަމަވެސް ޓޫރިސްޓުން އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރަށްރަށުގައި އެންވަޔަރަންމެންޓާއި ބީޗު ރަނގަޅު ކޮށްގެން ގެސްޓުންނަށް ޚިދުމަތް ދެވޭނީ. ރަނގަޅަށް އެންވަޔަރަންމެންޓް ޕްރޮޓެކްޓު ކޮށްފިއްޔާ ގެސްޓުން އަންނާނެ،"

ރެޔަކަށް 40 ޑޮލަރުން ފެށިގެން ހުންނަ ގެސްޓްހައުސްތައް ވެސް ރާއްޖޭގައި ހުންނަ ކަމަށް ފާހަގަ ކުރައްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ސަރުކާރާއި އަމިއްލަ ފަރާތްތަކުން ރާއްޖެ މާކެޓު ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެކަން ކުރިޔަށް ދާހާ ހިނދަކު، ފަތުރުވެރިކަމަށާޢި ގެސްޓްހައުސްތަކަށް ގެއްލުމެއް ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ސަރުކާރާ އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ރާއްޖެ މާކެޓު ކުރުމަށް ކުރާ މަސައްކަތުން، އަޅުގަނޑަށް ހީވަނީ ގެސްޓްހައުސް ވިޔަފާރިއަށް އެކަހަލަ ގެއްލުމެއް ނުލިބޭނެހެން،" މިނިސްޓަރު ވިދާޅުވިއެވެ.