04 Oct 2016, 11:45
ނިއު ޔޯކް(އޮކްޓޯބަރު 4): އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ޑޮނަލްޑް ޓްރަމްޕްގެ ފައުންޑޭޝަނުން ނިއު ޔޯކުގައި ފަންޑު ރެއިޒް ކުރުން ހުއްޓާލުމަށް ނިއު ޔޯކުގެ އެޓާނީ ޖެނެރަލް އަމުރު ކުރައްވައިފި އެވެ.
ޓްރަމްޕް ފައުންޑޭޝަނުން ފަންޑު ރެއިޒް ކުރުމަށް ރެޖިސްޓާ ކޮށްފައި ނުވާކަން ޕްރޮސިކިއުޓަރުންނަށް ފާހަގަ ކުރެވުމުން ނިއު ޔޯކުގެ އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ނޯޓިސްގައި ވަނީ އެފައުންޑޭޝަނުން "ފަންޑު ރެއިޒް ކުރާ ހުރިހާ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށް" އަންގާފަައެވެ.
އެމައްސަލައާ ގުޅިގެން ޓްރަމްޕް އަދި އެއްވެސް އެއްޗެކޭ ވިދާޅުވެފައި ނުވެ އެވެ. ނަމަވެސް ޓްރަމްޕްގެ ތަރުޖަމާނު ހޯޕް ހިކްސް ވަނީ ޓްރަމްޕް ފައުންޑޭޝަނުން އެޓާނީ ޖެނެރަލަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ.
ޓްރަމްޕް ފައުންޑޭޝަނުން ޓްރަމްޕަށް ފައިދާވާ ގޮތަށް ހަރަދު ކުރާ ކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓު ކުރުމުން އެމައްސަލަ ތަހުގީގު ކުރަން އުޅޭކަމަށް އެޓާނީ ޖެނެރަލް އެރިކް ޝްނައިޑާމޭން މިދިޔަ މަހު ވިދާޅުވުމުން ޓްރަމްޕް ކެމްޕެއިނުން ވަނީ އެޓާނީ ޖެނެރަލްއަށް ފާޑު ކިޔާފައެވެ.
ޑިމޮކްރަޓިކް ޕާޓީއަށް ނިސްބަތްވާ ޝްނައިޑާމޭން ވަނީ ހިލަރީ ކްލިންޓަނަށް ތާއިދު ކުރައްވާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. (ބީބީސީ)