މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ބައިވެރިވުމެއް އޮތް ކަމަށް ވަރަށް ބޮޑަށް ތުހުމަތުކުރާ ކަމަށް އަފްރާޝީމްގެ އާއިލާ އިން ބުނެފި އެވެ.

ސަންއާ ވާހަކަ ދައްކަވަމުން ޑރ. އަފްރާޝީމްގެ އެއްބަނޑު އެއްބަފާ ބޭބެ އަބްދުއްނާސިރު އަލީ ވަނީ އަދީބުގެ މައްޗަށް އެ ތުހުމަތުތައް ކުރާ ބައެއް ސަބަބުތައް ހިއްސާކުރައްވައިފަ އެވެ.

ނާސިރު ވިދާޅުވީ، ފުރަތަމަ ކަމަކަށް ފުލުހުން، މީޑިއާއަށް ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެކަމަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ދުރާލައި ރާވައިގެންކޮށްފައިވާ ކަމެއްކަން އެނގޭ ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވާ ކަމުގެ މައުލޫމާތު ދިނުމަށް އޭނާއަށް އެންމެ ފުރަތަމަ ގުޅުއްވީ އަދީބު ކަމަށާއި އެ މައުލޫމާތު އޭނާ އަށް ދިނުމަށް އެންމެ ފުރަތަމަ އަދީބު ގުޅުއްވަން ޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށް ނާސިރު ވިދާޅުވި އެވެ.

ޑރ. އަފްރާޝީމްގެ އެއްބަނޑު އެއްބަފާ ބޭބެ އަބްދުއްނާސިރު އަލީ ----

އޭނާ ވިދާޅުވީ، އަފްރާޝީމްގެ މަރުގެ މައްސަލާގައި ފުލުހުން ތުހުމަތުކުރާ ހ. ހިލްޓަން އަޒްލިފް ރައޫފް "ރާއްޖެ އިން ބޭރަށް ފުރުވާލުމަށް ފަހު" އޭނާ ނިސްބަތްވާ ގްރޫޕްގެ މީހުންނާ ބައްދަލުކޮށް އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން އަދީބު ސުވާލުކޮށްފައިވާ ކަމަށް ނާސިރު ވިދާޅުވި އެވެ.

"އަޒްލިފް ރައޫފް ފުރުވާލުމަށް ފަހު އޭނާ ނިސްބަތްވާ ގްރޫޕް ކުދިން ކައިރީ އަދީބު އައްސަވާފައި އެބައޮތް އަފްރާޝީމްގެ މަރާގުޅޭ ގޮތުން އެއްވެސް ވާހަކައެއް އަޒްލިފް ދެއްކިތޯ،" ނާސިރު ވިދާޅުވި އެވެ.

ޑރ. އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން އެ ނޫންވެސް ގިނަ ކަންތައްތަކެއް އާއިލާއަށް އެނގޭ ކަމަށާއި އެވާހަކަތައް އާއިލާއިން ނުދައްކަނީ އެވާހަކަ ދެއްކިޔަސް ވާނެ ކަމެއް ނެތުމުން ކަމަށް ނާސިރު ވިދާޅުވި އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރުއުޅުއްވި ހ. ފުންވިލުގެއަށް ވަދެވަޑައިގަންނަވަނިކޮށެވެ.